15 Apr 2012, 13:29
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެގްޒެކްޓިވް ބޯޑުގެ އިއްތިފާގުން ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް، މިހާރުގެ ރައީސް ރަލީ އާޒިމްގެ ނަން ފޮނުވުމަށް ނިންމައިފި އެވެ.
މިފަހަރުގެ އެފްއޭއެމް އިންތިހާބުގައި އާޒިމްއާ ދައުރަކަށް ކުރިމަތިލުމަށް ނިންމިކަން އެކުލަބުގެ ރަސްމީ ވެބްސައިޓުގައި ވެސް ވަނީ ބުނެފަ އެވެ. ނިއުގެ އެގްޒެކެޓިވް ބޯޑުގައި ޖުމްލަ ހަތް މެންބަރުން ތިބެ އެވެ.
މިހާރުވެސް އެފްއޭއެމްގެ ރައީސްގެ މަގާމް އަދާކުރައްވަމުން އަންނަ އާޒިމް، އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގައިތީ 2008 ވަނަ އަހަރު އެވެ. އެފަހަރު ވެސް އޭނާ ކުރިމަތިލެއްވީ ބައްޕާފުޅުގެ މުއައްސިސްގެ ކަމުގައި އުފެއްދި ކުލަބު ނިއު އިންނެވެ. އާޒިމަކީ ނިއުގެ ކުރީގެ ޗެއާމަންވެސްމެ އެވެ.
މިފަހަރުގެ އިންތިހާބުގައި އާޒިމް އާ ދައުރަކަށް ކުރިމަތިލުމަށް ނިއުން ނިންމި ކަން އެކުލަބުން ބުނެފައި ވާއިރު، ސަންއޮންލައިނަށް އަދި ވަނީ އާޒިމްގެ ބަހެއް ލިބޭ ގޮތް ނުވެފައެވެ. އޭނާ މިހާތަނަށް ބުނަމުން އައީ ކުރިމަތިލެއްވުމާމެދު އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ، އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން މިހާރު ވެސް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އިލްހާމާ އެކު އެފްއޭއެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ރައްޔިތުންގެ މަޖީލިހުގެ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.