މާލޭ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށް ތަރައްގީ ކުރި ކުޑަގިރީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެޕެއް ތައާރަފުކޮށްފިއެވެ.

ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭ އެ އެޕް ބޭނުން ކުރަން އެންމެ ފުރަތަމަ ޖެހެނީ ރެޖިސްޓާވާށެވެ.

އެ އެޕް މެދުވެރިކޮށް، ކުޑަގިރިއަށް ދާން ފުރުސަތު ލިބޭ ދުވަސްތަކާއި އެ ދުވަސްތަކުގައި ލިބޭނެ ޖާގައިގެ އަދަދު ބަލައި، ދަތުރު ބުކްކުރެވޭނެއެވެ.

ހަމައެއާއެކު، ކުޑަގިރީގެ ޗާޓާއި އެ ރަށުގައި ކުރެވޭނެ ކަންތައްތައް ވެސް އެ އެޕުން ބެލޭނެއެވެ.

އެ އެޕުގައިވާ ގޮތުން ކޮންމެ ދުވަހަކު އެ ރަށަށް ދެވޭނީ 500 މީހުންނަށެވެ.

އެ އެޕުން ދަތުރުތައް ބުކް ކުރުމުގެ ފުރުސަތު އަދި ހުޅުވާލާފައި ނުވެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މި މަހުގެ 11ގައި ކުޑަގިރި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.

ދަތުރު ދިއުމުގެ އިތުރުން، ކައިވެނި ހަފުލާތަކާއި، އުފަންދުވަހާއި ކުންފުނިތަކާއި އޮފީސްތަކުން އެމީހުންގެ އެކި އިވެންޓްތައް ބާއްވަން އެ ރަށް ކުއްޔަށް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީއިން ކުޑަގިރި ތަރައްގީ ކުރަނީ އެރަށަށް ދަތުރު ދާ ފަރާތްތަކަށް ބޭނުންވާނެ ތަފާތު ޚިދުމަތްތަކާއެކުގައެވެ. މިގޮތުން ހަޓުތަކާއި ފާޚަނާބަރި ފަދަ ތަންތަނާއި ކުޅިވަރު ކުޅޭނެ ތަންތަން ވެސް އެ ރަށުގައި ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން ކުޑަގިރީގައި މިސްކިތެއް ވެސް ވަނީ އިމާރާތް ކޮށްފައެވެ. އެ މިސްކިތް ބިނާ ކުރީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި ރަށަކީ އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭން އާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން ވެސް ތައްޔާރުކޮށްފައިވާ ރަށެކެވެ.

ކުޑަގިރިއަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވީ ވައުދުފުޅާ ގުޅިގެން ތަރައްގީކުރި ރަށެކެވެ.