15 Apr 2012, 13:24
ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އަންނަ މޭމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންނަ މަހު ބާއްވާ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފައި ވާ ކަމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރެވޭނެ މަގާމްތަކަކީ ރާއީސް އާއި ނައިބު ރައީސް، ހަޒާންދާރު، އާންމު މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ތިން މެންބަރުން އަދި އެސޯސިއޭޝަނަގައި އެފިލިއޭޓް ވެފައިވާ ކުލަބުތަކުން ހޮވާ އެއް މެންބަރެވެ. އަދި މަގާމްތަކަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލައް ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ސްވިމިން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާގޮތުން އެ އެސޯސިއޭޝަންގެ މެންބަރަކު ފިޔަވައި އެހެން މީހަކަށް އެ އެސޯސިއޭޝަންގެ އިންތިހާބީ މަގާމަކަށް ކުރިމަތި ލެވޭނީ އެ އެސޯސިއޭޝަންގައި އެފިލިއޭޓްވެފައިވާ ކުލަބް ޖަމްއިއްޔާއެއް ނުވަތަ މެންބަރަކު ހުށަހަޅާ ފަރާތެއްގެ ގޮތުގައެވެ.
މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނެފައި ވަނީ، މިފަހަރުގެ އިންތިހާބުގައި އަމަލުކުރުމަށް ހަދާފައިވާ ގަވާއިދާއި އެއްގޮތުގެ މަތިން އިންތިހާބަށް ނުފޫޒް ފޯރުވިޔަނުދިނުމަށްޓަކައި މާދަމާއިން ފެށިގެން އިންތިހާބު ބާއްވާ ދުވަހުގެ ނިޔަލަށް، އެ އެސޯސިއޭޝަންގައި އެއްވެސް މެންބަރަކު އަލަށް ރަޖިސްޓަރީ ނުކުރެވޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމާއި އިންތިހާބުގައި އަމަލުކުރާ ގަވާއިދު އެ އެސޯސިއޭޝަނުން ލިބޭނެ ކަމަށެވެ.