ތ. ވޭމަންޑޫ ނަމޫނާއަކަށް ބަލައިގެން ދަޑުވެރިކަން ކުރާނަމަ ރާއްޖެއަށް ކާނާ މަދުވުމުގެ މައްސަލައެއް ދިމާ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ވޭމަންޑުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. ވަހީދު ވިދާޅުވީ ވޭމަންޑޫގައި ދަޑުވެރިކަން ކުރާ އުސޫލުން އެހެން ރަށްރަށުގައިވެސް ހެއްދޭ ކާނާގެ އެކި ބާވަތްތައް ހައްދާ ނަމަ ކާނާ މަދުވުމުގެ މައްސަލައެއް ރާއްޖެއަށް ދިމާނުވާނެ ކަމަށެވެ.

"ރާއްޖޭގައި އުފެދޭ ފަލަމަޑީގެ ބާވަތްތަކާއި، ބަނބުކޭލާ، މިބާވަތުގެ ތަކެތި އުފެއްދުމުގެ ސަބަބުން އަޅުގަނޑުމެންނަކީ ވަރަށް ނަޞީބުގަދަ ބައެއް. މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ ރީތި ރަށްތަކުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ކާނާ އުފެއްދިދާނެ ، ވޭމަންޑުއަށް ވަޑައިގަތުމުން، އެކަން ޔަގީން ވެއްޖެ" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ބައްލަވާ ލަށްވަމުން ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން ހިނގަމުންދިޔަ ޞިއްޙީ ޚިދްމަތުގެ ނިޒާމް، އެހެން ގޮތަކަށް ފުރޮޅާލައި، ހެލްތް ވޯކަރުން ކައުންސިލްތަކަށް ބަދަލުކުރުމުން ހެލްތް ވޯކަރުންނަށް އިރުޝާދުދޭނެ ބަޔަކު އަދި އެމީހުންގެ މަސައްކަތް ބަލަހައްޓާނެ ބަޔަކު ކައުންސިލްތަކުގައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވޭމަންޑުއަށް މިކުރެއްވި ދަތުރުފުޅުގައި، ވޭމަންޑޫ ޕްރީސްކޫލްގެ ބިންގާ، އަޅުއްވައިދެއްވި އެވެ.