15 Apr 2012, 12:55
ޖިސްމާނީ ގޮތުން ނުކުޅެދުން ތެރިކަން ހުންނަފަރާތްތަކަށް ވޯޓްކަރުދާސްކޮޅުގައި ފާހަގަޖަހާދިނުމުގައި ދިމާވާ މައްސަލަ ތައް ހައްލުކުރުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދޭންވާނެކަމަށް ބުނެފައިވާ ގާނޫނަށް އިސްލާހުގެންނަށް މަސައްކަތްކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުގެ މެންބަރު އަލީ މުހައްމަދު މަނިކު ރޭ ވިދާޅުވީ ހުރިހާ އިންތިހާބުތަކެއްގައި އެކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ހައްލު ހޯދުމަށް އެންމެ އުނދަގޫ މައްސަލައަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަފަރާތްތަކުން ވޯޓުލުމުގައި ދިމާވާ މައްސަލަތައް ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.
"ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އާދަޔާ ހިލާފަށް ޖިސްމާނީ ގޮތުން ނުކުޅުދެން ތެރިކަން ހުރި މީހުންގެ މައްސަލަ ތައް ކުރިމަތިވެގެން ދިޔަ. އަދި އެކަމަށް ޓަކައި ވަކި ހާއްސަ ޕްރޮސީޖާއެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އެބަދޭ،" މަނިކު ވިދަޅުވިއެވެ.
އޭނާ ވިދާޅުވީ ޖިސްމާނީ ގޮތުން ނުކުޅެދުން ތެރިކަން ހުންނަމީހުންނަށް ވޯޓްލުމާއި ގުޅޭގޮތުން ގާނުނޫގައި ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށާއި އެގާނޫނޫގައި މިހާރު ބަޔާންކޮށްފައިވާ ވަރަށްވުރެ ބޮޑަށް އެކަންތައްތައް ސާފުވާ ގޮތަށް ގާނޫނަށް އިސްލާހުގެނައުމުން އެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނުނޫގެ 25 ވަނަ މާއްދާގެ(ބ)ގެ(2) ގައި ބުނެފައިވަނީ އާއްމު އިންތިހާބު ތަކާއި އާއްމު ވޯޓްލުންތަކުގައި ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށްވެސް އެހެންމީހެއްގެ ނުފޫޒެއްނެތި އަމިއްލަ އަށް ސިއްރު ވޯޓްލުމުގެ ހައްގު ރައްކާތެރިކުރުން އަދި އަމިއްލައަށް ވޯޓްލުމުގެ ކުޅެދުންތެރިކަން ނެތް މީހުންނަށް މިނިވަން ކަމާއި އަމިއްލަ އިހުތިޔާރާއި އެކު އެމީހުން އަމިއްލައަށް ކަނޑައަޅާމީހެއްގެ އެހީތެރިކަމާއިއެކު ވޯޓް ލުމުގެ ހައްގު ލިބުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.