މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅު ޕީޕީއެމުން ބާއްވާ "ހޯޕް ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

މިއަދު މެންދުރުފަހު ދަރުބާރުގޭގައި ފެށި މި ކޮންފަރެންސްގައި ހާހަކަށްވުރެ ގިނަ މަންދޫބުން ރެޖިސްޓްރީކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

މި ކޮންފަރެންސަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުން ގޮފީގެ ރައީސުންނާއި ޒުވާނުން ގޮފީގެ ރައީސުންނާއި ސްޓިއަރިން ކޮމެޓީގެ ރައީސުން ބައިވެރިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން "ހޯޕް ކޮންފަރެންސް" ފެށުން --

ލީޑާޝިޕުން ވެސް ބައިވެރިވާ މި ކޮންފަރެންސާ ބެހޭގޮތުން ޕީޕީއެމުން ބުނީ ހުކުރު ދުވަހުގެ ރެޔާއި ހޮނިހިރު ދުވަހު ކޮންފަރެންސުގެ ސެޝަންތައް ދަރުބާރުގޭގައި ކުރިޔަށް ގެންދިއުމަށް ފަހު، ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

"ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި،" ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން "ހޯޕް ކޮންފަރެންސް" ފެށުން --

މިއަދު ފެށި މި ކޮންފަރެންސްގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި ކެމްޕޭންގެ ދަތުރުތައް ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާ އެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ވ. އާރަށް މައްސަލާގައި މަނީ ލޯންޑާ ކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ، 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޖުލައި 23 އިން އޯގަސްޓު މަހުގެ ތިނަކާ ހަމައަށް ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިި ވާތީ، ރައީސް ޔާމީނަށް މި އިންތިޚާބުގައި ވާދަކުރެއްވޭނީ ލަސްވެގެން އޯގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ހައިކޯޓުން އެމަނިކުފާނު މިނިވަން ވެގެންނެވެ.

ރައީސް ޔާމީން ޖަލަށް ގެންދިޔަ ދުވަހުން ފަށައިގެން ކޮންމެ ރެއަކުވެސް އިދިކޮޅު ލީޑާޝިޕާއި ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު ވަގުތުން މިނިވަންކުރަން ގޮވާލާ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން އެވެ.