އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމު ވަގުތީ ގޮތުން، އެ ޕާޓީގެ އުތުރު ޕްރޮވިންސްގެ ރައީސް އަލީ ނިޔާޒާ ހަވާލުކޮށްފި އެވެ.

އެމްޑީޕީ އިން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ކޮއްކޮ، އަލީ ނިޔާޒާ ވަގުތީ ގޮތުން އެ މަގާމާ ހަވާލުކުރީ އެ މަގާމުގައި ހުންނެވި ހަސަން ޝާހް ސިއްހީ ފަރުވާއެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެންނެވެ.

އެ މަގާމު އޭނާއާ ހަވާލުކޮށްދެއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.

ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު އެމްޑީޕީން ހަމަޖެއްސި އިރު މި ދިޔަ އަހަރު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރެއްވި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަށް ޝާހު ފާޅުކަން ބޮޑުގޮތެއްގައި ކެމްޕެއިން ކޮށްދެއްވަމުން ގެންދެވި ކަމުގެ ޝަކުވާ ލިބުނު ކަމަށް ބުނެ އެމްޑީޕީން ވަނީ ޝާހުގެ މަގާމުގެ މަސްޢޫލިއްޔަތުތައް އެ ދުވަސްވަރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބޭފުޅަކާ ހަވާލުކޮށްފަ އެވެ.