ސިޔާސީ މަގާމުތަކުގައި ތިބެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ދެކޮޅު ހަދާ މީހުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީގޮތުން އެމީހަކު ބޭނުންވާ ފިކުރަކަށް ތާއީދުކުރުމަކީ ހުރިހާ އެންމެނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް ސިޔާސީ މަގާމުތަކަކީ ރައީސްގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް އެމަނިކުފާނު ކަނޑައަޅުއްވާ މަގާމުތައް ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ މަގާމުތައް އުފެއްދުމަކީ އެމަނިކުފާނަށް ގާނޫނު އަސާސީގެ 155ވަނަ މާއްދާގެ ތެރެއިން ލިބިގެންވާ ބާރުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މަގާމުތަކެއް. އެހެންވީމަ އެކަމުގަ އޮންނަން ޖެހެނީ އަމިއްލަ ނަފްސަށް ކޮންމެ ވެސް ވަރެއްގެ ތެދުވެރިކަމެއް އޮންނަން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ގަބޫލުނުކުރައްވާ ސިޔާސަތުތަކެއް ތަންފީޒުކުރެއްވުމަށް މުސާރަ ނަންގަވައިގެން އެފަދަ މަގާމުތަކުގައި ބޭފުޅުން ތިއްބަވަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާނީ ރައީސާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ރުހިވަޑައިގަންނަވާ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާނަމަ އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން މިހެން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި އެއްބަޔަކު އަނެއްބަޔަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ވަގުތެއްގައެވެ.

އެގޮތުން އެ ޕާޓީގެ އެއްބަޔަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާއިރު އަނެއް ބަޔަކު ތާއީދުކުރަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި، ދެކަފިވި ފަހުން އެއްބަޔަކު އަނެއްބަޔަކަށް އަންނަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ވެސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ރައީސް ޞާލިހާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.