ޓޯކިޔޯ (2 ފެބްރުއަރީ 2023): ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބާގް ދެކުނު ކޮރެއާއަށް ވަޑައިގެން ޖަޕާނުގެ އަސްކަރީ ހަރަކާތްތަކަށް ފުޅާކުރުމަށް ހިތްވަރު ދެއްވައި އެކަމަށް އެހީތެރިވުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ޗައިނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗައިނާގެ ރަސްމީ މީޑިއާ ބުނާގޮތުން މިއީ އޭޝިއާއަށް ނޭޓޯ ފުޅާކޮށް އޭޝިއާގެ މައްސަލަތަކުގެ ތެރެއަށް (ދެކޮރެއާގެ މައްސަލައާއި ތައިވާންގެ މައްސަލަ) ނޭޓޯ ވެއްދުމުގެ ވިސްނުމުގެ ތެރެއިން ހިނގާ ކަމެއްކަމަށް ޝައްކުކުރާނެ ޖާގަ އެބައޮތެވެ.

ސްޓޮލްޓެންބާގް ޖަޕާނަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ފޯމިއޯ ކިޝީދާއާ ކުރެއްވި މަޝްވަރާތަކުގައި ވަނީ ޖަޕާނަކީ ނޭޓޯގެ އަމަނާބެހޭ ބައިވެރިއެއްކަމަށް ސިފަކުރައްވާފައެވެ.

ޖަޕާނުން ދާދި ފަހުން ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެގައުމުން މިހާތަނަށް ގެންގުޅެމުންއައި އަސްކަރީ ސިޔާސަތާއި ދިފާއީ ސްޓްރެޓެޖީ މިދިޔަ އަހަރުގެ ފަހުކޮޅު މުޅިން ބަދަލުކޮށް އަސްކަރީ ބަޖެޓްވެސް ސައްތައިންސައްތަ ބޮޑުކޮށްފައެވެ. ޖަޕާނުގެ އަސްކަރީ ބަޖެޓް ބޮޑުކުރުމާއެކު ޖަޕާން މިހާރުވަނީ އެމެރިކާއާއި ޗައިނާ ފިޔަވައި ދެން ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑު ގައުމުކަމަށްވެފައެވެ.

ޖަޕާނުގެ އަސްކަރިއްޔާ ބޮޑުކޮށް ފުޅާކުރުމުގެ ސިޔާސަތު އަމާޒުކުރާ މައިގަނޑު ދެގައުމުކަމަށް ބެލެވެނީ ޗައިނާއާއި އުތުރުކޮރެއާއެވެ. ޖަޕާނުގެ ދިފާއީ ސިޔާސަތުތައް ބަދަލުކޮށް ޖަޕާނުގެ އަސްކަރީ ބަޖެޓް ދެގުނައަށް އިތުރުކުރަން ނިންމި ނިންމުމަށްވެސް ސްޓޮލްޓެންބާގް ވަނީ ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރުމަހު ޖަޕާނާއި އެމެރިކާގެ ދިފާއީ ވަޒީރުން ވޮޝިންޓަންގައި ބައްދަލުކުރެއްވުމަށްފަހު އެދެގައުމުންވަނީ އެދެގައުމުގެ ދެމެދުގައި އަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކުރިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެެނެރަލްއާއި ޖަޕާނުގެ ބޮޑުވަޒީރު

މިބަޔާނުގައި ދެގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ސްޓްރެޓީޖިކް ލެވެލަށް ގެންދިޔަކަމާއި ހަނގުރާމައިގެ ތައްޔާރީ ހާލަތުވެސް އިތުރުކުރިކަމާއި ޖަޕާން ދިފާއުކޮށްދިނުމުގައި އެމެރިކާ ޖާމިނުވާނެކަން ހާމަކޮށްފައިވެއެވެ. އަދި ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނިޒާމަށް ޖިއޮޕޮލިޓިކަލް ބަދަލުތަކެއް އަންނަމުންދާކަމަށާ ތައިވާނާ ދެކޮޅަށާއި ދެކުނު ޗައިނާ ކަނޑާއި ތައިވާން ކަނޑުއޮޅީގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުންވެސް ބައިނަލްއަގްވާމީ ނިޒާމަށްވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށާ އެނުރައްކާތަކާ ކުރިމަތިލުމަކީ ޖަޕާނާއި އެމެރިކާގެ އަސްކަރީ ގުޅުންތަކުގެ މައިގަނޑު ބޭނުންކަމަށް ވެސް އެދެގައުމުންވަނީ ހާމަކޮށްފައެވެ.

އެމެރިކާއަކީ ނޭޓޯގެ އެންމެ އިސް ފަރާތެވެ. ނޭޓޯއަކީ ޖިއޮޕޮލިޓިކަލް ގޮތުން އެމެރިކާގެ ވަށައިގެން އެނބުރޭ އަދި އެމެރިކާގެ ބަސްއަހާ އަދި އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ގައުމުތައް އެމެރިކާއާ އަސްކަރީ ގޮތުން ގުޅާލުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ އަސްކަރީ ޖަމާއަތެވެ.

މި ޖަމާއަތުގެ ވެރިޔާ ޖަޕާނަށް ވަޑައިގެން ޖަޕާނާއެކު އަސްކަރީ ގުޅުންތައް ބަދަހިކުރަންފެށުމަކީ ނޭޓޯ އޭޝިއާއަށް ފުޅާކުރަން ރޭވުމުގެ ފުރަތަމަ މަރުހަލާކަމުގެ ކަންބޮޑުވުން ޗައިނާ އިހުސާސްކުރާކަމަށް އެގައުމުގެ މިޑިއާ ބުނެއެވެ.

ނޭޓޯއަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު އޭރުގެ އެމެރިކާގެ ވާދަވެރިޔާ ކަމަށްވާ ކުރީގެ ސޮވިއެޓް ޔުނިޔަން އާ އަސްކަރީގޮތުން ކުރިމަތިލުމަށް އެމެރިކާ އިސްވެ އޮވެގެން އުފެއްދި ޖަމާއަތެކެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އަދި އޭގެކުރިން ފިނިހަނގުރާމަ ނިމިފައިވާތީ ނޭޓޯ ގެ ބޭނުންނެތްކަމާއި ނޭޓޯ އުވާލުމަށް ރަޝިއާވަނީ އެދިފައެވެ. އަދި ރަޝިއާއާ ދިމާއަށް ނޭޓޯ ފުޅާނުކުރާނެކަމުގެ ޔަގީންކަން ދިނުމުން ރަޝިއާ ވަނީ މިކަމުގެ ދެކޮޅުހެދުންތައް ދޫކޮށްލާފައެވެ.

ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އެމެރިކާވަނީ ރަޝިއާގެ އަވަށްޓެރި ގައުމުތައް ނޭޓޯއަށް ވައްދައިގެން ރަޝިއާ ވަށާލުމަށް މަސައްކަތްކޮށްފައެވެ. އަނެއްކޮޅުން ނޭޓޯވަނީ އަފްޣާނިސްތާނާއި އިރާގަށް އަރައިގަތުމުގައި އެމެރިކާއާ ބައިވެރިވެ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ ވެރިކަން ވައްޓާލުމުގެ ހަމަނުޖެހުންތަކުގެ ތެރެއަށްވެސް ވަދެގެންފައެވެ.

މީގެއިތުރުން ނޭޓޯ ގެންދިޔައީ އެޖަމާއަތަށް ޔުކްރެއިން ވައްދައި ރަޝިއާ ހިސާރުކުރަންވެސް މަސައްކަތް ކުރަމުންނެވެ. ޔުކްރެއިންއަށް ރަޝިއާ އަރައިގަތީ މިކަން ހުއްޓުވާނެ އެހެން ގޮތެއް ނެތިގެންކަމަށް އެގައުމުން ބުނެއެވެ. އަނެއްކޮޅުން ނޭޓޯ މިހާރުމިވަނީ އޭޝިއާގެ މައްސަލަތަކުގެ ތެރެއަށްވެސް ވަދެ އޭޝިއާއަށް ހަންފަތުރަން އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގައިވެސް ބައިވެރިވާން ފަށާފައި ކަމަށް ޗައިނާ ވަނީ ދެކެންފަށާފައެވެ.