15 Apr 2012, 12:27
ނ. ވެލިދޫ ކުރީގެ ކަތީބު އެރަށު، ހިޖުރަ، އިބްރާހިމް ޒަކީގެ މައްޗަށް މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދިކަމުގެ ކުށް ސާބިތުނުވާކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދިކަން ޒަކީގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ދެ އަހަރަށް އަރުވާލަން އެއަތޮޅު މަނަދޫ ކޯޓުން ކުރި ހުކުމް ޒަކީ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދިކަމުގެ ދައުވާ ޒަކީގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އޭނާއަށް 10،000 ރުފިޔާ ދިނުމަށް ފަހު ވެލިދޫ، ވެލާނާގޭ، މުހައްމަދު އައްބާސް އޭނާގެ ކޮއްކޮ އައްބުއްލަތީފް އައްބާސްގެ އުފަންތާރީޚު ބަދަލުކޮށްދިނުމަށް އެދުމުން އޭނާގެ އުފަންތާރީޚު ބަދަލުކޮށްފައި ވާކަމަށް ބުނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ޔޫސުފު ހުސެއިންއާއި، އަލީ ސަމީރު އަދި އައްބާސް ޝަރީފް ސޮއިކުރައްވާ އިއްވެވި ހުކުމްގައި ބުނަނީ ވެލިދޫ އޮފީހުގެ ރައްވެހީންގެ ރަޖިސްޓްރީންނާއި، އެ އޮފީހުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބަލަހައްޓާ ވެލިދޫ ރައްވެހީންގެ ރަޖިސްޓްރީން އަބްދުއްލަތީފްގެ އުމުރު އޭނާ ބަދަލުކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރެވޭވަރުގެ ކާފީ ހެކި ނެތްކަމަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ.
އެހެންކަމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދިކަން ޒަކީގެ މައްޗަށް ސާބިތުވާކަމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރުގެ މެއި މަހުގައި ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށްވާތީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މަނަދޫ ކޯޓުގެ ހުކުމް ބާތިލް ކުރީ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.