9:00


ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމު ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީ އަށް ބަޔަކު ރޭ ހަމަލާދީފި އެވެ.


އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްފަހުން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މުޖުތާޒު ރޭ ވިދާޅުވީ އެ ހަމަލާ ދީފައި ވަނީ އެ ކޮމިޝަންގެ ބައެއް މެންބަރުންނާއެކު އޭނާގެ ގޭ ކައިރީ ހުންނަ ކެފޭއަކަށް ވަޑައިގެންނެވުމަށްފަހު އެނބުރި އޮފީހަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ. އެގޮތުން އެ ވަގުތު ފަހަތުން އައި ދެ މީހުންގެ ތެރެއިން އެކަކު ވަރަށް ބާރަށް އޭނާގެ ބުރަކަށީގައި ޖެހި ކަމަށް މުޖުތާޒު ވިދާޅުވި އެވެ.


މުޖުތާޒު ވިދާޅުވީ އެ ހަމަލާ ދީފައި ވަނީ އެ ކޮމިޝަންގެ ކައިރިން ކަމަށާއި ރޭ އެ ބޭފުޅުން އުޅުއްވީ ކޮމިޝަންގެ މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ.


މި ހަމަލައާ ގުޅިގެން މުޖުތާޒު ވަނީ ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވައިފަ އެވެ. އެކްސްރޭ ނަގައި ޓެސްޓުތައް ކުރުމަށްފަހު މުޖުތާޒު ގެއަށް ފޮނުވާލައިފައި ވަނީ އަތާއެކު ބެންޑޭޖެއް އެޅުވުމަށްފަހު އެވެ.


މުޖުތާޒު ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ ހިމާޔަތުގަ އެވެ.