15 Apr 2012, 12:23
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޮވި، 2011 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީ ކުލަބަކަށް ދިވެހި ސިފައިންގެ ކުލަބު ހޮވިއްޖެ އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މިކަން އިޢުލާނުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށްދިޔަ، މިއަހަރުގެ ވޮލީ ސީޒަން ހުޅުވުމުގެ މެޗަށްފަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު، އިބްރާހިމް ރަޝީދު (ސަތޯ) ހޮވުނުއިރު، އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް ދިވެހި ސިފައިންގެ ކުލަބުގެ އުންމީދީ ކުޅުންތެރިޔާ އަހުމަދު ޢަބްދުލްކަރީމް (ލޯންގޭ) ވަނީ ހިމެނިފަ އެވެ.
މީގެ އިތުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަޙުމަދު އަނިލް ނަޞީރަށެވެ. އަދި މިރަސްމިއްޔާތުގައި ވަނަތައް ހާސިލްކުރި ފަރާތްތަކަށް ވަނީ އެވޯޑް އަރުވާފައެވެ.
މިއަހަރުގެ ވޮލީ ސީޒަން ހުޅުވުމުގެ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބާއި، ބަނޑޮސް އައިލެންޑް ރިސޯޓްގެ ވޮލީ ޓީމެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ހޫނު ތަރުހީބާއިއެކު އެރިސޯޓްގައި ކުރިއަށްދިޔަ ފޯރިގަދަ މިމެޗު ބަނޑޮހުން ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދަމުން ދަނިކޮށް، ގަދަ ހިތްވަރަކާއިއެކު ފަހަތުން އަރައި ބަނޑޮހުން ސެޓް ކާމިޔާބުކުރީ 25-21 ޕޮއިންޓުގެ ތަފާތުންނެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ ކުލަބުން ހިތްވަރު އާކޮށް 20-25 ޕޮއިންޓުގެ ތަފާތުން ދެވަނަ ސެޓް ކާމިޔާބު ކުރިއެވެ. ތިންވަނަ ސެޓު ފެށިގެން ނިމެންދެންވެސް ފެނިގެންދިޔައީ ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެކެވެ.
ތިންވަނަ ސެޓްގެ ވާދަވެރިކަން ނިމުމަކަށް ގެނައީ 26-28 ޕޮއިންޓުގެ ތަފާތުން ބަނޑޮހުން ސެޓް ކާމިޔާބު ކޮށްގެންނެވެ. ހަތަރުވަނަ ސެޓް ބަނޑޮހުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 19-25 ޕޮއިންޓްގެ ތަފާތުންނެވެ.
މިމެޗު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ނާޒިމް އާއި، ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް މުޙައްމަދު ޒިޔާދު ބައިވެރިވެވަޑައިގެންނެވި އެވެ.