ސާދަ ވަނަ މައިލޯ އިންޓަސުކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ސީނިއާ އަންހެން ކުދިންގެ ބައިން އިއްޔެ ކުޅުނު މެޗް އަމީނިއްޔާ ސުކޫލް ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗް އަމީނިއްޔާއިން ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށް ފަހު އިމާދުއްދީން އަތުން އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 33 ޕޮއިންޓް 32 ޕޮއިންޓުން ނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަމީނިއްޔާ ސުކޫލަށް ހަ ޕޮއިންޓު ހޯދައިދިން މަރިޔަމް ރައުސާނެވެ.

މީގެއިތުރުން މިމުބާރާތުގައި އިއްޔެ ކުޅުނު 12 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޗް ކާމިޔާބުކުރީ ޖަމާލުއްދީން ސުކޫލުން ނެވެ. ބިލަބޮންގް އާއި ވާދަކޮށް ޖަމާލުއްދީނުން މެޗް ކާމިޔާބު ކުރީ 31 ޕޮއިންޓް ތިން ޕޮއިންޓުން ނެވެ.

އަދި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މެޗް، ގިޔާސުއްދީނާ ވާދަކޮށް އިމާދުއްދީން ސުކޫލުން ކާމިޔާބު ކުރީ 10 ޕޮއިންޓް ތިން ޕޮއިންޓުން ނެވެ.މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިމާދުއްދީނަށް ތިން ޕޮއިންޓް ހޯދައިދިން ރަފްހާ އިބްރާހިމް އެވެ.