15 Apr 2012, 11:28
ޗާންދަނީމަގުގައި ހުންނަ ފިހާރަތަކަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ތިން ފިހާރައަކުން ވައްކަންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެމީހުންނަކީ އއ. މަތިވެރި އިރަމާގެ އާދަމް ޝަރީފް40، އާއި ނ. މިލަދޫ ގުލްއަލާމާގެ މުހައްމަދު އަބޫބަކުރު 41 ކަމަށެވެ. އަދި އާދަމް ޝަރީފަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މިދެމީހުން ވައްކަންކޮށްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެލްބިއަން ޓައިލްސް ސްޕެޝަލިސްޓް އިންނާއި ޓިޕިކަލް ސްވެނިޔާ ޝޮޕްގެ އިތުރުން ލަހަމަރުކޯ ސްވެނިޔާ ފިހާރައިންނެވެ.
ފުލުހުން ބުނީ ރޭ އެލްބިއަން ޓައިލްސް ސްޕެޝަލިސްޓްގެ ފުރާޅުގެ ޓިނުކަފާލައި ސީލިން ހަލާކުކޮށްލުމަށްފަހު އެތަނަށް ވަދެ ތިޖޫރީ ހަލާކުކޮށްލުމަށްފަހު އޭގައިވާ ފައިސާތައް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ފިހާރައިގައިވާ ބައެއް ތަކެއްޗަށް ގެއްލުންދީ ވަގަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ފިހާރަ ތެރެއިން ފެނިފައިވެ އެވެ.
އަދި ޓިޕިކަލް ސްވެނިޔާ ޝޮޕުން ފަޅާލާފައިވަނީ އެފިހާރައިގެ އެގްޒޯސްޓެއް ހަލާކުކޮށްލުމަށް ފަހު އެތަނުން އެފިހާރައިގެ ތެރެއަށް ވަދެގެންނެވެ. އެ ފިހާރައިން ގިނަ އަދަދެއްގެ ގަހަނާތަކެއް ވަގަށް ގެންދިއުމަށްޓަކައި ކޮތަޅަކަށް އަޅައިފައި ފެންލައިޓް މަތީގައި ބަހައްޓާފައިވަނިކޮށް ފުލުހުންވަނީ ހޯދާފަ އެވެ. އަދި އެފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެމަރާއަކާއި ދުރުމިއެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ކޮތަޅު ތަކަކަށް އަޅާފައި އެ ފިހާރައިގެ ފުރާޅު މަތީ ހުއްޓައި ފުލުހުން ވަނީ ހޯދާފަ އެވެ.
މީގެއިތުރުން ރޭ ފަޅާލި ލަހަމަރުކޯ ސްވެނިޔާ އިން ވައްކަން ކޮށްފައިވަނީ ވެސް އެފިހާރައިގެ ފުރާޅުގެ ޓިނު ކަފާލާ ސީލިން ހަލާކުކޮށްލުމަށްފަހު އެފިހާރަ ތެރެއަށް ވަދެގެންނެވެ. އެފިހާރަޔަށް ވައްކަން ކުރަން ވަތް މީހުން ވަނީ އެފިހާރައިގެ ތިޖޫރީ ހަލާކުކޮށްލުމަށް މަސައްކަތްކޮށް ތިޖޫރީއަށް ގެއްލުން ދީފަ އެވެ. އަދި ވަގަށް ގެންދިއުމަށްޓަކައި ކޮތަޅު ކޮތަޅަށް އަޅާ ތައްޔާރުކޮށްފައިވާ އެއްޗެހިތަކެއް އެ ފިހާރަތެރެއިން ފެނިފައިވެ އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އާދަމް ޝަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ލަހަމަރުކޯ ސްވެނިޔާގެ ފުރާޅުގެ ޓިނުކަފާލާ ސީލިން ހަލާކުކޮށްލުމަށްފަހު އެފިހާރަ ތެރެއަށް ވަދެ ވައްކަން ކުރަން ހުއްޓާ ކަމަށާއި މުހައްމަދު އަބޫބަކުރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވައްކަން ކުރުމަށްފަހު ފިލަން ދުވަނިކޮށް އިސްލާމީ މަރުކަޒު ކައިރިން ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފިހާރަތަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާތަކެއް ފުލުހުން ވަނީ އެ ދެމީހުންގެ އަތުން ހޯދަފަ އެވެ. މިދިޔަ ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބާޒާރުމަތީ ގިނަ ފިހާރަތަކެއްގެ ޓިނު ނަގައިގެން ވަދެ ވައްކަން ކުރުން ވަނީ އާންމުކަމަކަށް ވެފަ އެވެ. މާލޭގައި އަނެއްކާވެސް ވަނީ މާރާ މާރީ އާއި ވައްކަމާއި ފޭރުން އިތުރުވެފަ އެވެ.