15 Apr 2012, 11:14
ބޮގޮޓާ (މާޗް 15): އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކޮލަންބިޔާގެ ވެރިރަށް ބޮގޮޓާ އަށް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ރަށުގައި ދެބޮން ގޮއްވާލައިފި އެވެ.
މިދެބޮން ގޮއްވާލާފައި ވަނީ އެޤައުމުގައި ހުންނަ އެމެރިކާގެ އެންބަސީގެ ކައިރީގަ އެވެ. ބޮންގޮއްވުމުގެ މިޙާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޮލަންބިޔަގެ ފުލުހުން ބުނެ އެވެ. އޮބާމާ ކޮލަންބިޔާ އަށް ވަޑައިގެންނެވީ އެމެރިކާގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ބޮގޮޓާގެ މައިމަގެއްގައި މިދެބޮން ގޮއްވާލި އަޑުވަރަށް ދުރަށް އިވިގެންދިޔަ ކަމަށް ފްރާންސް ޕްރެސް ބުނެ އެވެ. މިއީ އޮބާމާއަށް އަމާޒުކޮށް ދިން ޙަމަލާއެއްކަން ނުވަތަ ނޫންކަން އެނގިފައެއްނުވެ އެވެ. ނަމަވެސް މިއީ އެމެރިކާ އިން ޤައުމުތަކުގައި އެމެރިކާ ގެންގުޅޭ އަތްގަދަކުރުމުގެ ސިޔާސަތުތަކާ ދެކޮޅުހަދާ ވާތުފިޔައިގެ ޖަމާޢަތަކުން އޮބާމާއަށް އިންޒާރެއް ދިނުމުގެ ގޮތުން ކުރިކަމެއް ކަމަށް ބޮގޮޓާގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އޮބާމާއާ ބައްދަލުކުރެއްވުމަށް ފަހު ކޮލަންބިޔާގެ ރައީސް ޚުވާން މަނުއިލް ވިދާޅުވީ އެމެރިކާ އަށް މަސްލަހަތުހުރީ އެމެރިކާއާ ދުރުގައިވާ އަފްޣާނިސްތާނާއި ޢިރާޤު ފަދަ ޤައުމުތަކުގައި އެމެރިކާ އަމިއްލައަށް ތާށިވެގެން އޮތުންތޯ ނޫނީ އެމެރިކާގެ ބަޑުދަށުގައިވާ ލެޓިން އެމެރިކާގެ ޤައުމުތަކަށް ސަމާލުކަންދިނުންތޯ އެމެރިކާ ވިސްނަންވެއްޖެ ކަމުގަ އެވެ.
ލެޓިން އެމެރިކާގެ ގިނަޤައުމުތަކުގައި އެމެރިކާގެ ބާރާއި ނުފޫޒު ދަނީ ކުޑަވަމުންނެވެ. މި ކޮންޓިނެންޓްގެ ގިނަ ޤައުމުތަކުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އަންނަމުން ދަނީ އެމެރިކާއާ އިދިކޮޅު ޚިޔާލުގެ ސިޔާސީ ބޭފުޅުންނެވެ. (ރޮއިޓާސް)