01 Feb 2023, 10:31
އިންޓަނެޓާއި ގުޅިފައި ހުންނަ ކޮމްޕިއުޓަރެއްގައި ރަން ކުރާ ވިންޑޯސް ފައިލްތައް ޑިލީޓް ކޮށްލުމުގެ ޤާބިލްކަން ލިބިފައިވާ މެލްވެއާއެއް ހެކަރުންގެ ޓީމަކުން އުފައްދައިފިއެވެ.
ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ އީސެޓް އިން ހޯދާފައިވާ މި މެލްވެއާއަކީ ޔޫކްރޭނަށް އަމާޒުކޮށް އުފައްދާފައިވާ މޭލްވެއާ އަކަށްވިޔަސް މި މެލްވެއާ ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި ކޮމްޕިއުޓަރަކަށް ވެސް ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާތީ ސައިބާ ސެކިއުރިޓީ ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ފާމުން ބުނީ މެލިޝިއަސް ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ މައިކްރޮސޮފްޓްގެ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމުން ބޭނުންކުރާ ފައިލްތައް ޑިލީޓް ކުރުމުގެ އިތުރުން އޯވާރައިޓްވެސް ކުރެވޭގޮތަށެވެ. އީސެޓްއިން ތުހުމަތު ކުރާގޮތުގައި މި ހަމަލާ ދީފައި ވަނީ މީގެ ކުރިން ވެސް ސައިބާ ހަމަލާތަކުގައި ބައިވެރިވި "ސޭންޑްވޯމް" ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.
އެކްޓިވް ޑައިރެކްޓްރީ ގްރޫޕް ޕޮލިސީ ބޭނުންކޮށްގެން އެ ގްރޫޕުން ބޭނުންކުރީ ސްވިފްޓްސްލައިޒާގެ ނަމުގައި އާ ވައިޕަރެއް ކަމަށާއި، އެ މެލްވެއާއިން ޝެޑޯ ކޮޕީތައް ޑިލީޓްކޮށް، ސިސްޓަމާއި ނޮން-ސިސްޓަމް ޑްރައިވްތަކުގައި ހުރި ފައިލްތައް ސިސްޓަމެޓިކްކޮށް އޯވަރައިޓްކޮށް، އޭގެ ފަހުން ކޮމްޕިއުޓަރު ރީބޫޓް ކުރެއެވެ.
މި މެލްވެއާ ހަމަލާގެ ސަބަބުން ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި މިވަނީ، މިއީ ކޮމްޕިއުޓަރު ސިސްޓަމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ހަމަލާއަކަށް ވާތީއެވެ. ސްވިފްޓްސްލައިޒާ ވައިޕަރު ބޭނުންކޮށްގެން ދޭ މި ހަމަލާއަކީ ނުރައްކާ ބޮޑު ގެއްލުމެއް ދިނުމުގެ ބޭނުމުގައި ދިން ހަމަލާއެއް ކަމަށް ބެލެވިފައި މިވަނީ، އެ ހަމަލާގެ ސަބަބުން ޑޭޓާ ޑިލީޓްކުރުމުގެ އިތުރުން އޯވަރައިޓް ވެސް ކުރާތީ، ރިކަވަރީ ކުރަންވެސް އުނދަގޫވާތީއެވެ.
ސެންޑްވޯމް އަކީ އެތައް އަހަރެއް ވަންދެން ސައިބާ ކްރައިމްގެ ދުނިޔޭގައި މަޝްހޫރު ހެކަރުންގެ ގްރޫޕަކަށްވާއިރު، ޔޫކްރެއިނަށް ދިން މި ހަމަލާއިން އަނެއްކާ ވެސް ފާހަގަކުރެވެނީ ސައިބާ ނުރައްކާތަކަށް ސަމާލުވެ ތިބުމުގެ މުހިންމުކަމެވެ. އެ ޖަމާއަތުން ސްވިފްޓްސްލައިޒާ ބޭނުންކުރުމަކީ އެ މީހުންގެ ޓެކްޓިކްސްގައި އާ ދަރަޖައިގެ ހަރުކަށި ކަމެއްކަން ފާހަގަކޮށް، ސައިބާ ސެކިއުރިޓީ ކޮމިއުނިޓީން އަންނަނީ އެ މީހުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ.
ޔޫކްރެއިން ސަރުކާރުން ވަނީ އެންމެ ފަހުން ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ކުރިއަށް އޮތް ތަނުގައި ދޭ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މައިކްރޮސޮފްޓަށް ގޮވާލާފައެވެ. ނަމަވެސް މައިކްރޯސޮފްޓުން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
އެކަމަކު، ކުރިއަށް އޮތް ތަނުގައި އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެއެވެ. އެގޮތުން ސައިބާ ސެކިއުރިޓީގެ މާހިރުން ގެންދަނީ ބޭނުންކުރާ ފަރާތްތަކުން އިތުރަށް ސަމާލުވެ، ކުރިމަތިވެދާނެ ނުރައްކާތަކުން އެމީހުންގެ ސިސްޓަމްތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވަމުންނެވެ.
ސޭންޑްވޯމް އަކީ 2014ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު ސްޓޭޓް ސްޕޮންސާޑް ހެކިން ގްރޫޕެކެވެ. އެއީ ރަޝިއާއިން އޮޕަރޭޓްކުރާ ޖަމާއަތެއް ކަމަށް ބެލެވޭ އިރު، މިއީ 2017ވަނަ އަހަރު ނޮޓްޕެޓިއާ ހަމަލާ އާއި 2015ވަނަ އަހަރު ޔޫކްރެއިންގެ ޕަވާ ގްރިޑް ހަމަލާ އާއި 2018ވަނަ އަހަރު ނޭޓޯއިން ދިން ހަމަލާފަދަ ހައި ޕްރޮފައިލް ސައިބާ ހަމަލާތަކާ ގުޅިފައިވާ ހަމަލާއެކެވެ. މި ގްރޫޕަކީ ޒީރޯ-ޑޭ އެކްސްޕްލޮއިޓްސް ބޭނުންކޮށް، ބްލެކްއެނަރޖީ މެލްވެއާ ފަދަ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެމީހުންގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ގްރޫޕެކެވެ.