15 Apr 2012, 11:10
ރައްޔިތުން މަޖިލީހުގެ މައިނޯރީޓީ ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް ޑީއާރްޕީ އަތުން މައިނޯރިޓީކަން ގެއްލުމަކުން ޑީއާރުޕީގެ މަސައްކަތަކަށް ބަދަލެއް ނާންނާނެ ކަމަށާއި ޑީއާރުޕީ މެންބަރުންގެ އިހްލާސްތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ފެނިގެންދާނެ ކަމަށް ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ކެލާ ދާއިރާގެ މެންބަރު ޑރ. މައުސޫމް ވިދާޅުވީ ޑީއާރުޕީ އަކީ މެޖޯރިޓީ ޕާޓީ އާއި މައިނޯރިޓީ ޕާޓީ ބަލައިގެން މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި ޑީއާރުޕީ އަތުން މައިނޯރިޓީ ކަން ގެއްލުނު ނަމަވެސް ރިޔާސީ އިންތިހާބަށް ވެސް އޭގެ އަސަރު ކާރެނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ޑީއާރްޕީ ޕާފޯމް ކޮށްފައިތިބީ ކޮންމެހެން މައިނޯރިޓީ، މެޖޯރިޓީ ކިޔަގެނެއްނޫން. ޑީއާރްޕީ މެންބަރުންތަކަށް ބަލާއިރު ޕާޓީގެ މެންބަރުންނަކީ ވަރަށް ޒިންމާދާރު ކަމާ އެކު މަޖިލީހުގެ ބަހުސްތަކުގައި ޒިންމާދާރު ކަމާ އެކު އިލްމީ ނަޒަރަކުން ބައިވެރިވެވަޑައިގަންވާ، އެއިން ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ފައިދާގެ މައްޗަށް ބަހުސް ކުރައްވާ ވޯޓުދެއްވާ ބައެއް. ޑީއާރްޕީ ޕާލަމެންޓް މެންބަރުން ކުރިއަށް އޮތްތާގައި ވެސް ތިއްބަވާނީ އެ ގޮތުގައި،" މައުސޫމު ވިދާޅުވި އެވެ.
ޑީއާރުޕީގެ ވިސްނުން އަދި އޮތީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެހެން ޕާޓީތަކާ އެއްކޮށް މަސައްކަތް ކުރުމުގެ ވިސްނުން ކަމަށާއި ޑީއާރްޕީ އަށް ގަބޫލު ނުކުރޭވޭ ކަންކަމުގައި އެހެން ޕާޓީތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
އަދި އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ދެ އިންތިހާބު އެމްޑިޕީ އަށް "ނާކާމިޔާބު" ވެގެންދިއުމުން ދޭހަވަނީ ރައްޔިތުން ބޭނުންވަނީ ޑިމޮކުރަސީއާ ދިމާލަށް ދިއުމަށް މަސައްކަތް ކުރުމަށް ކަމަށާއި އަދި މިސަރުކާރަށް ތާއީދު ކުރާކަން ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް މެންބަރު އަހުމަދު ޝަރީފް ކާމިޔާބު ކުރެއްވުމާ އެކު މަޖިލީހު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީޕީއެމް ވެގެންދާނެ އެވެ.
މަޖިލީހުގައި މަސައްކަތް ކުރުމަށް ޕީޕީއެމަށް ރަސްމީ ހައިސިޔަތު ލިބިފައިވާ އިރު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި 17 މެންބަރުން ތިއްބަވަ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް ޕީޕީއެމަށް މެންބަރުން ބަދަލުވުމުން މައިނޯރިޓީ ޕާޓީއަށް ޕީޕީއެމް ވެގެންދާއިރު ޑީއާޕްރީގެ ޕާލަމެންޓްރީ ގުރޫޕުގައި ތިއްބެވީ 14 މެންބަރުން ނެވެ.
އެހެން ނަމަވެސް 32 މެންބަރުންނާ އެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީ އެވެ.