ބޮގޮޓާ (މާޗް 15) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކޮލަންބިޔާގެ ވެރިރަށް ބޮގޮޓާ އަށް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެރަށުގައި ދެބޮން ގޮއްވާލައިފި އެވެ.

މިދެބޮން ގޮއްވާލާފައިވަނީ އެޤައުމުގައި ހުންނަ އެމެރިކާގެ އެންބަސީގެ ކައިރީގައެވެ. ބޮންގޮއްވުމުގެ މިޙާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޮލަންބިޔަގެ ފުލުހުން ބުނެ އެވެ. އޮބާމާ ކޮލަންބިޔާއަށް ވަޑައިގެންނެވީ އެމެރިކާގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ބޮގޮޓާގެ މައިމަގެއްގައި މިދެބޮން ގޮއްވާލި އަޑުވަރަށް ދުރަށް އިވިގެންދިޔަކަމަށް ފްރާންސް ޕްރެސް ބުނެ އެވެ. މިއީ އޮބާމާއަށް އަމާޒުކޮށް ދިން ޙަމަލާއެއްކަން ނުވަތަނޫންކަން އެނގިފައެއްނު ވެއެވެ. ނަމަވެސް މިއީ އެމެރިކާގެ ޤައުމުތަކުގައި އެމެރިކާ ގެންގުޅޭ އަތްގަދަކުރުމުގެ ސިޔާސަތުތަކާ ދެކޮޅުހަދާ ވާތުފިޔައިގެ ޖަމާޢަތަކުން އޮބާމާއަށް އިންޒާރެއް ދިނުމުގެ ގޮތުން ކުރިކަމެއް ކަމަށް ބޮގޮޓާގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އޮބާމާއާ ބައްދަލުކުރެއްވުމަށްފަހު ކޮލަންބިޔާގެ ރައީސް ޚުވާން މަނުއިލް ވިދާޅުވީ އެމެރިކާއަށް މަސްލަހަތުހުރީ އެމެރިކާއާ ދުރުގައިވާ އަފްޣާނިސްތާނާއި ޢިރާޤުފަދަ ޤައުމުތަކުގައި އެމެރިކާ އަމިއްލައަށް ތާށިވެގެން އޮތުންތޯ ނޫނީ އެމެރިކާގެ ބަޑުދަށުގައިވާ ލެޓިން އެމެރިކާގެ ޤައުމުތަކަށް ސަމާލުކަންދިނުންތޯ އެމެރިކާ ވިސްނަންވެއްޖެ ކަމުގަ އެވެ.

ލެޓިން އެމެރިކާގެ ގިނަޤައުމުތަކުގައި އެމެރިކާގެ ބާރާއި ނުފޫޒުދަނީ ކުޑަވަމުންނެވެ. މި ކޮންޓިނެންޓްގެ ގިނަޤައުމުތަކުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އަންނަމުންދަނީ އެމެރިކާއާ އިދިކޮޅު ޚިޔާލުގެ ސިޔާސީ ބޭފުޅުންނެވެ. (ރޮއިޓާސް)