"މިޝްޔާ!" ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ. އޭނާގެ ނަޒަރު މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ހުއްޓުނެވެ. އިސްޖަހާލައިގެން ހުރި މިޝްޔާ އިސް އުފުލައިލީ، ނާޒިލްގެ އަޑަށެވެ. މިޝްޔާއަށް ވަމުން ދިޔަ ގޮތް ނާޒިލްއަށް ނަގައިގަނެވުމާއެކު، އޭނާއަށް މިޝްޔާގެ ކައިރިއަށް ޖެހިލެވުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކުއްލިއަކަށް މިޝްޔާ އޭނާގެ ގައިގައި ބައްދައިލުމާއެކު ނާޒިލްއަށް ލިބުނީ ޝޮކެކެވެ.

ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި ނާޒިލް ދެފަރާތަށް ބަލައިލުމަށްފަހު, މިޝްޔާ ދުރުކޮށްލަން އުޅުނު ނަމަވެސް، މިޝްޔާ އޭނާގެ ގައިގައި ހިފައްޓާފައި ހުރީ އެއަށްވުރެ ބާރަށެވެ. މިޝްޔާގެ ކައިރިން އޭނާއަށް ދުވި ސިނގިރެޓް ވަހާއެކު, ނާޒިލްގެ ހިތުގައި ސުވާލުތައް އުތުރި އަރަން ފެށިއެވެ. ހަމައެއާއެކު އޭނާ ކަންބޮޑުވެސް ވިއެވެ.

"ޑިޑް ޔޫ ސްމޯކް މިޝްޔާ؟" ނާޒިލްއަށް އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނާޒިލްގެ އުނަގަނޑުގައި ބައްދާލައިގެން ހުރި މިޝްޔާގެ އަތަށް ދޫކަމެއް ވެރިވިވުމާއެކު, ނާޒިލް އޭނާ ދުރުކޮށްލިއެވެ. މިޝްޔާ ހުރީ އިސްޖަހާލައިގެންނެވެ. އެއްޗެއް ނުބުނި ކަމުގައި ވީނަމަވެސް، މިޝްޔާގެ އެ ހިމޭންކަމުން ނާޒިލްއަށް އޭނާ ބޭނުންވާ ޖަވާބު ލިބިއްޖެއެވެ.

"މިޝްޔާ! ސިނގިރެޓް ބުއިންހެއްޔޭ އަހަރެން މި އަހަނީ؟" ނާޒިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ. ހީވާކަހަލައެވެ. އޭނާ މިޝްޔާގެ ފަރާތުން ޖަވާބެއް ބޭނުންވެއެވެ. މިޝްޔާ ބޯ ޖަހައިލީވެސް އެ ހުރިގޮތަށް ހުރެއެވެ. ނާޒިލްއާ ހަތަރު ކަޅި ހަމަކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ހިތުގައި ހިނގަމުންދިޔައީ ބުނެދޭން ނޭނގޭ ޖަޒުބާތުތަކެކެވެ. ހިތުގެ ތެޅުންވަނީ ބާރުވެފައެވެ. ނާޒިލް އޭނާ ދެކެ ހިތްހަމަ ނުޖެހޭނެކަން މިޝްޔާއަށް އެނގެއެވެ.

"އެެހެން އެއްޗެއް އަނެއްކާ..."

"ނޫން. އެހެން އެއްޗެއް ބޭނުމެއް ނުކުރަން." ނާޒިލްގެ ސުވާލު ނުނިމެނީސް ދެފަރާތަށް ބޯ ހޫރައިލުމަށްފަހު، މިޝްޔާ އަވަސް އަވަހަށް ޖަވާބުދިނެވެ. މިޝްޔާގެ ޖަވާބުން ނާޒިލް ހިތްހަމަޖެހުނެވެ. އޭނާ މިޝްޔާއާ ގާތްވެލިއެވެ. ނާޒިލް ގާތްވެލުމާއެކު، މިޝްޔާގެ ނޭފަތުގައި ހަރުލީ ނާޒިލް އާއްމުކޮށްވެސް ޖަހާ އުޅޭ ފިރިހެން ސެންޓްގެ ވަހެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އެ ވަސް ޖެހުމާއެކު އޭނާއަށް މާޒީގެ ދުވަސްތައް ހަނދާނަށް އަންނަން ފެށިއެވެ. ހިތުގެ ތެޅުން ބާރުވުމާއެކު، އޭނާގެ ނޭވާވެސް ކޮންމެވެސް ވަރަކަށް ފުންވިއެވެ. ނާޒިލްގެ އަތުގެ ބީހުން އޭނާގެ ކޮނޑާ ދިމާލަށް އިޙްސާސްކުރެވުމާއެކު، މިޝްޔާއަށް ބޭއިޚްތިޔާރުގައި ލޯ މަރައިލެވުނެވެ.

"ހިނގާ އެތެރެއަށް. އެތެރޭގައި ތިބެެގެން ވާހަކަ ދައްކާނީ..."ނާޒިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. މިޝްޔާ ހީކުރީ ނާޒިލް ހިތްހަމަނުޖެހިގެން އެ ވާހަކަ އޭނާއާ ދިމާލަށް ބުނާނެ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެންނަކުން ނޫނެވެ. ނާޒިލްގެ އެ މަޑުމައިތިރިކަމަށް މިފަހަރުވެސް މިޝްޔާގެ ހިތް ދޫވެގެން ދިޔައެވެ. އޭނާގެ ކޮނޑުގައި ހިފައްޓާލައިގެން ހުރެ ނާޒިލް ގޮސް ރޫމަށް ވަނުމަށްފަހު، މިޝްޔާއާ ދުރުވެލިއެވެ. އޭރުވެސް މިޝްޔާ ދިޔައީ ތުރުތުރު އަޅަމުންނެވެ. މީހާ ވަނީ ދާހިތްލާ ފޯވެފައެވެ.

"މިއަކުން އެއްވެސް ކަމެއް ނުވޭ!" މިޝްޔާ އޭނާ ގަތް ސިނގިރެޓް ފޮއްޓާ ލައިޓަރާ ދައްކާލާފައި ބުނެލިއެވެ. ވަރަށް ފުން ނަޒަރަކުން މިޝްޔާއަށް ބަލަން ހުރި ނާޒިލް މިޝްޔާގެ އަތުން އެ އެއްޗެހި އަތުލުމަށްފަހު، މޭޒުމަތީގައި ބެހެއްޓިއެވެ. އެނބުރި މިޝްޔާއަށް ބަލައިލިއިރު، މިޝްޔާހުރީ އޭނާގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާގެ ކޯތާފަތްމަތިން ކަރުނަތައް ރޮނގަކަށް ފައިބަމުން ދިޔައެވެ. ނޭވާލާން ދަތިވެގެން އުޅޭހެން އިރުއިރުކޮޅަކާ މިޝްޔާ ފުންނޭވާއެއް ލައެވެ. ނާޒިލް ކުރިއަށް ޖެހިލާ މިޝްޔާގެ ދެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ މިޝްޔާއާ ވާހަކަ ދެއްކިއެވެ.

"މިޝްޔާ! އަހަންނަށް ބަލައިލަބަލަ!" ނާޒިލްގެ އޯގާތެރި އަޑު ޖެހުމާއެކު، މިޝްޔާގެ ބަޑިފަޅައިގެން ދިޔައެވެ. ބާރަށް ރޮވެން ފެށުމާއެކު މުޅި ކޮޓަރިތެރެއަށް ވެސް މިޝްޔާގެ ގިސްލުުމުގެ އަޑު ފެތުރިގެން ދިޔައެވެ. ނާޒިލް މިޝްޔާގެ އަތަށް ބާރުކޮށްލީ އޭނާާއާ ދިމާލަށް އެއްފަހަރު ނަމަވެސް ބަލައިލާށޭ ބުނާ ފަދައަކުންނެވެ.

މިޝްޔާ އެ ހުރި ގޮތަށް އިސްޖަހައިގެން ހުންނަން ފެށުމުން، ނާޒިލް މަޑުމަޑުން މިޝްޔާގެ އަތުން ދޫކޮށްލުމަށްފަހު، މިޝްޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވައިލިއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު މިޝްޔާގެ ލޮލުން އޭނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ވޭނާ ކެކުޅުމެވެ.

"އައި އެމް ޕްރައުޑް އޮފް ޔޫ..." ނާޒިލް މިޝްޔާގެ ކަރުނަތައް ފުހެދިނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް މިޝްޔާގެ ނިތުގައި ބޮސް ދެވުނެވެ. މިޝްޔާ އެފަދަ ވޭނެއްގައި އުޅޭތަން ބަލާކަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. މަޑުމަޑުން މިޝްޔާ އޭނާގެ ގަޔާ ކައިރިކޮށްލުމަށްފަހު، މިޝްޔާގެ ގައިގައި ނާޒިލް ބައްދައިލިއެވެ. އޭނާ އަންގައިދޭން ބޭނުންވީ އޭނާ މިޝްޔާ ދެކެ ރުޅި ނާންނަ ކަމެވެ. މިޝްޔާ އެ ހުރި ހާލަތު އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ފަދަ ޙާލަތެއްގައި ހުރިއިރުވެސް މިޝްޔާ އަލުން ޑްރަގް ބޭނުން ނުކުރީތީ އޭނާ މިޝްޔާއާ މެދު ފަޚުރުވެރިވިއެވެ. އެއީ މަދުމީހަކަށް ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާ އެންމެ ހިތްހަަމަޖެހުނީ މިޝްޔާ އަމިއްލައަށް ބޭނުންވެގެން އެހީތެރިކަމަށް އެދި އޭނާގެ ކައިރިއަށް އައީތީއެވެ. މިޝްޔާ އަދިވެސް އޭނާއަށް އިތުބާރުކުރާކަމުގެ ޔަޤީންކަން ނާޒިލްއަށް ލިބިގެން ދިޔައެވެ.

"އިޓްސް އޯކޭ! މިޝްޔާ!" ނާޒިލް މިޝްޔާ ހުއްޓުވާކަށް ނޫޅުނެވެ. އޭނާ ބޭނުންވީ އޭނާގެ ގާތުގައި ހުރެ މިޝްޔާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލުމަށެވެ.

"އަހަންނަކަށް ނޭނގެ ވީގޮތެއް... ހަމަ.... ބޭނުން..." މިޝްޔާއަށް ނާޒިލްގެ އުނަގަނޑުގައި ވަށާލާފައިވާ އަތަށް ބާރުކޮށްލެވުނެވެ.

"އިޓްސް އޯކޭ! އިޓްސް އޯކޭ! ޔޫ ވިލް ބީ ފައިން. އަހަރެން މިހުރީނު." ނާޒިލް ޔަޤީންކޮށްދޭން ބޭނުންވީ އޭނާ އެ ހުރީ މިޝްޔާއާ އެކުގައި ކަމެވެ.

"އަހަންނަށް އެހީވެދީ ނާޒިލް ޕްލީޒް، އަހަރެން ބޭނުމެއް ނޫން ދެނެއް އެކަމުގެ ތެރެއަށް ވަންނާކަށް..."

"މިޝްޔާ! އިޓްސް އޯކޭއޭ. އަހަރެން މިހުރީނު." ނާޒިލް މިޝްޔާގެ ބޮލުގައި ފިރުމައިލިއެވެ.

"އައި އެމް ސޮރީ... އަހަންނަށް މާފުކުރޭ!" އެހެން ބުނުމާއެކު، މިޝްޔާގެ ރުއިމުގެ އަޑު ގަދަވެލިއެވެ.

"އަހަރެންވެސް ނާޒިލް ދެކެ ލޯބިވޭ. އަހަރެން ބޭނުމެއް ނޫން ނާޒިލްއާ ދުރުވާކަށެއް. އެއީ... އެއީ ނާޒިލްގެ ކުށެއް ނޫނެއްނު، ނާޒިލް އެކޭ އެއްގޮތަށް އަހަރެންވެސް ލޯބިވެޔޭ. އަހަރެން ދޫކޮށްލާފައި ނުދޭބަ! އަހަންނަކަށްވެސް ނާޒިލްއާ ވަކިންނެއް ނޫޅެވޭނެ!" މިޝްޔާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. އޭނާ އެހިތުގެ ޙާލު ނާޒިލްގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައިރު ނާޒިލްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިޝްޔާގެ ވާހަކަތަކުން ހައިރާންކަން ލިބުނު ނަމަވެސް، އޭނާއަށް އުފާވެރިކަމުގެ އިޙްސާސްކުރެވުނެވެ. ނިވެމުން ދިޔަ ހުޅުކޮޅު ދިއްލުނެވެ.

"މިޝްޔާ! ދެން ހުއްޓާލާ! މިހާރު މާގިނައިރު ރޮވިއްޖެ! އަހަރެން ނުދާނަމޭ މިޝްޔާ ދޫކޮށްލާފައެއް." ނާޒިލް އެންމެ ފަހުން ބުނެލިއެވެ.

"އައި އެމް ސޮރީ...." ކެނޑި ނޭޅި މިޝްޔާ މާފަށް އެދެމުން ދިޔައެވެ. މިޝްޔާގ ރުއިން މަޑުވުމުން ނާޒިލް ހިތްހަމަ ޖެހުނުނަމަވެސް، އޭނާއަށް ހާސްކަން ވެރިވީ އޭނާގެ އުނަގަނޑުގައި ވަށާލާފައިވާ މިޝްޔާގެ އަތަށް ދޫކަމެއް ވެރިވުމުންނެވެ.

"މިޝްޔާ!" މިިޝްޔާއަށް ގޮވައިލުމަށްފަހު، ދުރުކޮށްލަން އުޅުނު ވަގުތު ގައިގައި ވަރުނެތް މިޝްޔާ ނުވެއްޓުނީ ކިރިޔާއެވެ. މިޝްޔާގެ ދެލޯ ވަނީ މެރިފައެވެ. އަތުގައި މަޑުތުރުތުރު އެޅުމެއް ވާއިރު، ދެ ތުންފަތްވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ނާޒިލްއަށް މިޝްޔާ އޭނާގެ އަތް ދަނޑި މައްޗަށް އުފުލައިލެވުނެވެ. ލަސްނުކޮށް އޭނާ ދުއްވައިގަތީ އެމަރޖެންސީ ބަޔާދިމާލަށެވެ. މީހަކު ކިޔާނެ އެއްޗަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

އެމަރޖެންސީއަށް މިޝްޔާ ވެއްދުމަށްފަހު އެތަނުން އެނދެއްގައި މިޝްޔާ ބާއްވާލާފައި ނާޒިލް މިޝްޔާއަށް ދެފަހަރަކު ގޮވައިލިއެވެ. ކުޑަކުޑަކޮށް ދެލޯ ހުޅުވައިލުމަށްފަހު އަނެއްކާވެސް މިޝްޔާގެ ދެލޯ މެރިގެންދިޔައެވެ. ނާޒިލް އެވަގުތު ޑިއުޓީގައި ހުރި ޑޮކްޓަރަށް މިޝްޔާގެ 'މެޑިކަލް ހިސްޓްރީ' ކިޔައިދިނުމަށްފަހު، ފަރުވާ ފަށަން ބުނެލިއެވެ. އެއަށްފަހު އޭނާ އަވަސްވީ މާކިންއަށް ގުޅުމަށެވެ.

"ހަލޯ..." މާކިން ފޯނު ނެގުމުން ނާޒިލް އަވަސް އަވަހަށް ބުނެލިއެވެ.

"އާނ، ކީކޭ ނާޒިލް! ހާދަ ހާސްވެފަ، އަނެއްކާ މަންމައަށް ކަމެއްވީތަ؟" މާކިން ސުވާލުކޮށްލިއެވެ.

"ނޫނޭ. މީ. ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެބަލަ! މިއުޅެނީ މިޝްޔާ އެޑްމިޓްކޮށްގެން." މިޝްޔާއަށް ބަލައިލުމަށްފަހު، ނާޒިލް ބުނެލިއެވެ.

"އޭތް! މިޝޫ އޭ. އެހެން ކިހިނެއްވާނީ؟ އޭނަ ގޭގަ ކަންނޭނގެ."

"ނޫނެކޭ. އަވަހަށް އާދޭ. އައިމަ އަހަރެން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން." ނާޒިލް އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ.

"ކިހިނެއްވީ؟" ސޯފާގައި ލެޕްޓޮޕް ހިފައިގެން އިން ނައިރާއަށް މާކިންގެ ހާސްކަން ފާހަގަވުމާއެކު އަހައިލެވުނެވެ. ވީ ގޮތް ކިޔައިދިނުމުން ނައިރާވެސް ސޯފާމަތީގައި ލެޕްޓޮޕް ބަހައްޓާފައި ތެދުވިއެވެ. އެއަށްފަހު، ހޮސްޕިޓަލަށް ދާން ތައްޔާރުވެލިއެވެ.

"ބައްޕައަށް ގުޅަންވާނެއެއްނު." ނައިރާ ބުނެލިއެވެ.

"އާ. ހިނގާ ދާން." ކޮޓަރިން ނުކުންނަމުން މާކިން ފޯނު ނެގިއެވެ. ސިޑިން ފޭބުމަށްފަހު، ރިފްއަތުގެ ނަންބަރަށް ޑައިލްކޮށްލިތަނާ ރިފްއަތު ބޭރުން އައިސް ގެއަށް ވަނެވެ.

"ކިހިނެއްވީ ހާދަ ހާސްވެފަ؟ ކޮންތާކަށް ތި ދަނީ؟" ރިފްއަތު ސުވާލުކޮށްލުމާއެކު، މާކިން ވެގެން އުޅޭ ގޮތް ރިފްއަތަށް ކިޔައިދިނެވެ.

"ބައްޕަވެސް ދާނަން."

ތިން މީހުން އެކުގައި ގޮސް ހޮސްޕިޓަލަށް ވަދެ އެމަރޖެންސީބަޔާ ދިމާލަށް މިސްރާބުޖެހިއެވެ. މާކިން ނާޒިލްއަށް ގުޅައިލުމާއެކު، ނާޒިލް ނުކުތެވެ.

"މިޝޫ ކޮބާ؟ ކިހިނެއްތަ؟" މާކިންއަށް ހާސްކަމާއެކު ސުވާލުކޮށްލެވުނެވެ.

"މިހާރު މަޑުމަޑުން އޯކޭ ވަމުން ދަނީ. އެއީ ހަމަ ވިތްޑްރޯވަލް ސިމްޕްޓަމްސް." ނާޒިލް އޮޅުން ފިލުވައިދިނެވެ.

"އެކަމަކު އޭނަ އެ ބޭނުންނުކުރާތާ ހާދަ ދުވަހެއް ވެއްޖެޔޭ ނާޒިލް!" މާކިންއަށް ބުނެވުނެވެ.

"މާކް! އަސްލު މިޝްޔާ އަދިވެސް އެ ދަނީ ރިކަވާ ވަމުން. ޑްރަގް ހުއްޓާލުމަށްފަހުވެސް މިގޮތަށް ދިމާވެދާނެ. މިސާލަކަށް ހުއްޓާލާތާ އަހަރެއް ނޫނީ ދެ އަހަރުފަހުންވެސް ކުއްލިއަކަށް ހަމަ އެ ކްރޭވިންގްސް އަތުވެދާނެ. އިޓް ހެޕެންސް. ގިނަ މީހުންނަށް ވާގޮތަކީ އެގޮތަށް ކްރޭވިންގްސް އައިމަ ދެން ނުހުރެވިގެން ގޮސް އަނެއްކާ ޔޫޒް ކުރެވެނީ. އެކަމަކު މިޝްޔާ ޑިޑިންޓް ޑޫ އިޓް. އެކަމަކު... ޝީ ޔޫޒްޑް ސިނގިރެޓްސް... ބަޓް... ޝީ އިޒް ސްޓްރޯންގް. އަހަންނަށް ހީވަނީ ކަންތައްތަކާ މާ ބޮޑަށް ވިސްނީމަހެން އޭނަ ސަކަރާތްވީ. ކުރިންވެސް އޭނަ ޑްރަގްސް ޔޫޒް ކުރީ އެ ހުރިހާ އުނދަގޫތަކަކުން ފިލަންވެގެންނެއްނު. މިހާރުވެސް އޭނަ ބޭނުންވާނީ އެގޮތައް ކަންތައް ވާން. އެހެންވެ ކަންނޭނގެ އެހާ ވަރަށް އެ ބޭނުންވީ. ބަޓް ޝީ ވިލް ބީ އޯކޭ... އުނދަގޫވިޔަސް އަހަންނަށް އެނގޭ އޭނައަށް ވާނެކަން. ވަރަށް ހިތްވަރު ގަދަ އަސްލު. އޭނަ މިކަމުން އެކީ ސަލާމަތްވާން ބޭނުންވީމަ ދޯ އަހަރެން ކައިރިއަށް އެ އައީ އެހީތެރިކަމަށް އެދި. މީ ހީކުރާހާ ފަސޭހަކަމެއް ނޫން!" ނާޒިލް މާކިންގެ ކޮނޑުގައި ޖަހައިލަމުން އޮޅުން ފިލުވައިދިނެވެ.

"މިޝްޔާ ކައިރިއަށް ވަދެވޭނެތަ؟" އެ ވާހަކަތައް އަޑު އަހަން ހުރި ރިފްއަތަށް އެ ހުރިހާ ވާހަކައެއް އެނގުމުން ކުރެވުނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްތަކެކެވެ. މިޝްޔާއާމެދު އޭނާގެ ހިތުގައި ވި ލޯބި ދެގުނަ ވެގެން ދިޔައެވެ. އެ ޙާލަތަށް މިޝްޔާ ނުދަނީވެސް އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވުނު ނަމައެވެ. މިއަދު މިޝްޔާގެ އެ ޙާލަތު ބަދަލުވީސް ކަންނޭނގެއެވެ. އެހެންނަމަވެސް، މާޒީއާ މެދު ވިސްނާ ފިކުރުކުރުުމުގެ ބޭނުމެއް ނެތްކަން ވިސްނި، ރިފްއަތުގެ އަމާޒަކަށްވީ މުސްތަގްބަލުގައި ވީ އެންމެ ރަނގަޅަކަށް މިޝްޔާއާ ދޭތެރޭ ކަންތައް ކުރުމަށެވެ. މާކިންއާއި ނާޒިލްއަށް ބަލައިލުމަށްފަހު، އެ ދެމީހުން ވާހަކަ ދައްކަން ބޭނުންވެފައި ތިބިކަން ނައިރާއަށް ނަގައިގަނެވުމާއެކު، އޭނާވެސް ރިފްއަތާ އެކު އެތެރެއަށް ވަނީ ނާޒިލް މިޝްޔާ އޮތް ބެޑް ނަންބަރު ބުނުމުންނެވެ.

"އަސްލު ކިހިނެއްވީ؟ ކޮން އިރަކު މިޝޫ ކަލޭ ކައިިރިއަށް އައީ؟" މާކިން ސުވާލުކޮށްލިއެވެ.

"މަ މަންމަ ކައިރީގަ ހުރެފަ ގެއަށް ދާން ނުކުތްތަނުން ފޯނެއް އައީ. ގުޅާފަ ބުނީ އޭނަ މިހުރީ މަގޭ ރޫމް ކައިރީގައޭ. އަންނާށޭ ކިޔާފަ އާދޭސް ކުރަންފެށީ." ނާޒިލް ބުނެލިއެވެ. އެއަށްފަހު އޭނާ ފެށިގެން ނިމެންދެން ކަންވީގޮތް މާކިންއަށް ކިޔައިދިނެވެ.

"ސިނގިރެޓް ދޯ!" މާކިންއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

"ހޭ އިޓްސް އޯކޭ އޭ... އަހަންނަށްވެސް އެނގޭ ރަނގަޅުކަމެއް ނޫންކަން. އެކަމަކު އަހަރެމެން ވިސްނަން ޖެހޭނެ ދޯ މިޝްޔާއަށް ވެސް، އޭނާގެ ސިކުނޑީގައި ހިނގާ ކަންތައްތަކަށްވެސް. އެޑިކްޓްވެފައި ހުރި އެއްޗެއް ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫނޭ. އެކަމަކު މިޝްޔާ އެކަން ކޮށްފި ދޯ. މިއަދު އޭނަ ސިނގިރެޓްގެ ބަދަލުގަ ޑްރަގް ބޭނުންކުރިނަމަ، މަންޒަރު މާ ބޮޑަށްވެސް ތަފާތުވީސް. އަލުން އޭނަ އެ ބޭނުން ކުރަންވެސް ފަށާފާނެ. އޭގެން އޭނައަށް ހިތްހަމަޖެހުން ލިބޭނެއެއްނު. ވަގުތުކޮޅަކަށްވިޔަސް މި ކަންތައްތަކުން ސަލާމަތްވެވާނެއެއްނު. ދެން މާކްވެސް! އޭނަ ދެކެ ރުޅި ނާންނާތި! އަދި ރަނގަޅުވާނެ، އިންޝާ ﷲ"

ނާޒިލްގެ ވާހަަކަތައް އަޑު އަހަން ހުރި މާކިން ބޯ ޖަހައިލިއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. މިޝްޔާ އެހީތެރިކަމަށް އެދި ނާޒިލްގެ ކައިރިއަށް އަންނާނީ އޭނާގެ ހިތުގައި ނާޒިލްއާ މެދު ލޯބިވާތީއެވެ. ނާޒިލްއާ މެދު އެހިތުގައި ނަފްރުކަމެއް ނެތީތީއެވެ. އޭނާ ވެސް ހުއްޓާ މިޝްޔާ ނާޒިލްގެ ކައިރިއަށް އަންނަންވީ ވަކި ކީއްވެހެއްޔެވެ؟

"އޭނަ ހަމަ އިތުރު އެއްޗެއް ނުބުނޭތަ؟ ހަމައެކަނި ބުނީ އެހީތެރިކަަން ބޭނުންވާ ވާހަކަ!" މާކިން ނާޒިލްއަށް ބަލައިލިއެވެ.

"އޭނ. ކީކޭ؟ ކީކޭ ދެން އޭނަ ބުނާނީ؟" ނާޒިލް ކުޑަކޮށް ކަރު ކެހިލިއެވެ.

"މިހާރު ޔަޤީންވެއްޖެ. އޭނަ އެހެން އެއްޗެއް ވެސް ބުނިދޯ!" މާކިން ކުރުނުކޮށް ކިޔަން ފެށުމުން އެހެން ހުރިހާ ވާހަކައެއް ކިޔައިދިން އިރުވެސް އޭނާ ސިއްރުކޮށްގެން ހުރި ވާހަކަ ބުނަން ނާޒިލްއަށް މަޖުބޫރުވިއެވެ.

"އެކަމަކު ބުނަންތަ މާކިން! އެ ވެދާނެ މިޝްޔާއަށް އެ ޙާލަތުގައި ބުނެވުނު އެއްޗަކަށްވެސް." ނާޒިލްއަށް އަދިވެސް ގަބޫލުކުރަން އުނދަގޫވަނީއެވެ. ލިބުނު އުފާ އަތުން ބީވެގެން ދާނެޔޭ ހީވަނީއެވެ. އުންމީދު އެހާ ބޮޑަށް ކުރަން ބޭނުންނުވަނީ އެހެންވެއެވެ.

"މާކް! މިޝޫ ހޭލާ އޮތީ. މާކް ކޮބާހޭ އެހީމަ." ނައިރާ ނުކުމެފައި ގޮވާލުމުން ނާޒިލްގެ ކޮނޑުގައި ޖަހާލާފައި މާކިން އެތެރެއަށް ވަނުމުން އެއްފަރާތުގައި މަޑުކޮށްލި ނާޒިލް އޭނާގެ ފޯނު ނަގާ ފޯނާ ކުޅެން ފެށި ނަމަވެސް ސިކުނޑީގައި ގުގުމަމުން ދިޔައީ، މިޝްޔާ ދެއްކި ވާހަކަތަކެވެ.

އެނދުގެ ވަށައިގެން ދަމާލާފައިވާ ފަރުދާ ކަހާލާފައި އެތެރެއަށް ވަތް މާކިން ފެނުމާއެކު، މިޝްޔާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނާގެ ނަޒަރު ހޯދީ ނާޒިލްއެވެ. އެކަން މާކިންއަށް ހަމަރަނގަޅަށްވެސް ފަހުމްވިއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ޑޮކްޓަރު އައިސް މިޝްޔާ އޮބްޒަވޭޝަންގައި ބާއްވަންޖެހޭ ވާހަކަ ބުނުމުން މިޝްޔާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރުމުގެ ކަންތައްތައް ކުރުމަށް ރިފްއަތު ދިޔައެވެ. މާކިން މިޝްޔާއާ ކައިރިވެލާފައި މިޝްޔާގެ ބޮލުގައި ފިރުމައިލުމަށްފަހު، ވާހަކަ ދެއްކިއެވެ.

"ނާޒިލްތަ ތި ހޯދަނީ؟" މާކިން އެ ސުވާލު ކޮށްލުމުން މިޝްޔާއަށް ހައިރާންކަމާ އެއްވަރަށް ލަދުވެތިކަންވެސް އިޙްސާސްކުރެވުނެވެ.

"ގޮވާލަންވީ ދޯ!" އެހެން ބުނެލާފައި މާކިން ގޮސް ނާޒިލްއަށް ގޮވައިލިއެވެ. މާކިންއާއެކު އެތެރެއަށް ވަދެގެން އައި ނާޒިލްގެ ހިތުގެ ތެޅުންވެސް ކޮންމެވެސް ވަރަަކަށް ބާރުވެލިއެވެ.

ފޮތިގަނޑު ކަހާލާފައި ނާޒިލް އެތެރެއަށް ވަނުމުން ނައިރާއާ މާކިންއާ ދެމީހުން ކުޑަކޮށް ދުރަށް ޖެހިލިއެވެ.

"މިޝްޔާ!..." މިޝްޔާގެ އަތަށް ގުޅާފައިވާ އައިވީއަށް އަވަސް ނަޒަރެއް ދީފައި ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ. ނާޒިލް ފެނުމުން ކަޅި ޖަހާނުލާ ނާޒިލްއަށް ބަލަހައްޓައިގެން މިޝްޔާ އޮންނަން ފެށުމުން ނާޒިލް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އެއީ މީގެ ކުރިން މިޝްޔާ އޭނާއަށް ބަލާ ގޮތެއް ނޫނެވެ. މީގެ ކުރިން އެންމެ އަވަހަށް އޭނަޔާ ނަޒަރު ވަކިކޮށްލަނީ މިޝްޔާއެވެ.

(ނުނިމޭ)