15 Apr 2012, 11:05
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރ. ކިނޮޅަހުގައި ކުޑަ އަންހެންކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ބިދޭސީ އަކު ދިހަ އަހަރަށް ޖަލަށް ލުމަށް ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނަމަވެސް އެ ކުއްޖާގެ އުމުރެއް ކޯޓަކުން ނުބުނެ އެވެ.
ކުޑަ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަން ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފައި ވަނީ އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ އިބްރާހިމް ހާންގެ މައްޗަށެވެ.
ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއީ އެ ކޯޓަށް ހުށަހެޅުނު މިބާވަތުގެ ދެ ވަނަ މައްސަލަ ކަމަށާއި މިދިޔަ އަހަރު ވެސް އެފަދަ މައްސަލައެއް ދިވެއްސެއްގެ މައްޗަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ ދޮންދަރިއަކާ ބެހުނު ކަން މީހެއްގެ މައްޗަށް ސާބިތުވެ، 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ދޮންދަރިއަކާ މެދު ޖިންސީ އަމަލު ހިންގައިގެން ޖަލަށް ލުމަށް ހުކުމްކުރީ ރ. މަޑުއްވަރި އަލަނާސިގޭ، އަހުމަދު އަސްލަމްގެ މައްޗަށެވެ.