15 Apr 2012, 10:33
ރާއްޖޭގެ އިގްތިސޯދަށް ހާއްސަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ބުނެ 2009 ވަނަ އަހަރު ކުޑަކުރި ސިވިލް ސާވެންޓުންގެ މުސާރައިން ނުދީ ހިފަހައްޓާފައި ހުރި ފައިސާ އަންނަ ޖުލައި މަހުން ފެށިގެން ބައިބަޔަށް ބަހާލައިގެން ދޭން ފިނޭންސް މިނިސްޓްރީއާ އެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އެއްބަސްވެއްޖެ އެވެ.
ސީއެސްސީން ބުނީ ޖެނުއަރީ 2010 އިން ޑިސެމްބަރު 2010 އަކަށް ސީއެސްސީގެ މުވައްޒަފުންގެ މުސާރަ އިން އުނިކޮށް ހިފަހައްޓާފައިވާ ފައިސާ އަލުން ދޭނީ އަންނަ ޖުލައި މަހުން ފެށިގެން 12 ބަޔަށް ބަހާލައިގެން ކަމަށާއި އެ ފައިސާ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ދީ ނިންމާނެ ކަމަށެވެ. އަދި މިހާރު ވަޒީފާގައި ތިބި މީހުންނާއި ވަޒީފާ އިން ވަކިވެފައިވާ މީހުންނަށް އެ ފައިސާ ދޫކުރާނީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ޖުމްލަ އަދަދުގެ ތެރެއިން ކޮންމެ މަހަކު ވެސް 12 ބައިކުޅަ އެއްބައި ކަމަށް ވެސް ސީއެސްސީން ބުންޏެވެ.
އަދި އެ ފައިސާ ލިބެން ޖެހޭ މުވައްޒަފަކު ފައިސާ ދޫކުރުމުގެ ކުރިން މަރުވެއްޖެ ނަމަ އެ ފައިސާ އެމީހެއްގެ ވާރިސުންނަށް ގަނޑުކޮށް ދޭން ވަނީ ނިންމާފަ އެވެ. އަދި އެ ފައިސާ ދޫކުރަން ފެށި ފަހުން މަރުވާ މުވައްޒަފުންނަށް ވެސް ނުދެވި ހުރި ފައިސާ އިން ބާކީބައި ކަޑުކޮށް ވާރިސުންނަށްދޭން ވެސް ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ އިގްތިސޯދަށް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބުނެ 2009 އެއްގެ އޮކްޓޫބަރުގައި މުވައްޒަފުންގެ މުސާރަ ވަނީ ތިން މަސް ފަހުން އިޔާދަ ކުރާނެ ކަމަށް ބުނެ، ކުޑަކޮށްފަ އެވެ. ނަމަވެސް ޖެނުއަރީ 1، 2010 ގައި އެ މުއްދަތު ހަމަވުމުންވެސް އަދި އެ ފައިސާ ދޭން ކޯޓުން ހުކުމް ކުރުމުން މުވައްޒިފުންގެ މުސާރަ އިއާދަކޮށްދީފައެއް ނުވެ އެވެ. އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ ފައިސާ ދެވެން ނެތް ކަމަށެވެ.
މުވައްޒަފުންގެ މުސާރަ އަލުން އިއާދަކުރުމަށް މި އަހަރުގެ ބަޖެޓްގައި 443.7 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ސީއެސްސީން އެދުނު ނަމަވެސް އެ ފައިސާ ބަޖެޓްގައި ހިމަނާފައެއްނުވެ އެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ އެ ފައިސާ މިހާރު އޮތް ބަޖެޓްގެ ތެރެއިން ހަމަޖެއްސޭނެ ކަމަށާއި އެ ފައިސާ އޮފީސްތަކުގެ ރިކަރަންޓް ހަރަދަށް ބަޖެޓް ކޮށްފައިވާ ފައިސާ އިން ހަމަޖެއްސޭނެ ކަމަށެވެ.
"އެ އޮފީހަކުން އެކަމެއް ނިންމާނީ އެ އޮފީހަކަށް އެކަމެއް ދޫކޮށްލާފަ އޮންނާނީ، ރިކަރަންޓް ހަރަދުގެ ތެރެއިން ހަމަޖެއްސީމައި މައްސަލައެއް ނުނިކުންނާނެ،" ޖިހާދު ވިދާޅުވި އެވެ.
ބަޖެޓުގެ ޖުމްލަ 17.1 ބިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތުގެ އާމްދަނީ 11.48 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި ވީނަމަވެސް އާމްދަނީން ދެ ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. ސަރުކާރުން ވަނީ ބަޖެޓް ރިވައިސްކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ.