އދ. މަޖިލިސް (މާޗް 15): ސޫރިޔާއަށް ސުލްޙަ ގެނައުމުގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި ޢަސްކަރީ އޮބްޒާވަރުން އެޤައުމަށް ފޮނުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އެއްބަސްވެއްޖެވެ.

އެކަމާބެހޭ ގޮތުން އެމެރިކާ ހުށަހެޅި ޤަރާރުގެ ދެލިކޮޕީ ގޮވާލަނީ ސޫރިޔާއަށް ސުލްޙަ ގެނައުމަށް އދ. އާއި ޢަރަބި ލީގުގެ މަންދޫބު ކޯފީ އަނާން އެކުލަވާލައްވާފައިވާ ޕްލޭން ތަންފީޒު ކުރުމަށްޓަކައި ހަތިޔާރުނެތް ޢަސްކަރީ އޮބްޒާވަރުން ސޫރިޔާއަށް ފޮނުވުމަށެވެ. މީގެއިތުރުން މިޕްލޭން ތަންފީޒު ކުރުމަށް ސޫރިޔާ ސަރުކާރު ހުރަސްއަޅާނަމަ އެޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމާ މެދު ވިސްނާނެ ކަމުގެ އިންޒާރު ވެސް މިޤަރާރުގައި ދީފައިވެ އެވެ.

އެމެރިކާގެ މިޤަރާރަށް ސަލާމަތީ މަޖިލިހުން އާ ބަސްބުނީ ތިންފަހަރެއްގެ މަތިން މިޤަރާރުގެ ދެލިކޮޕީ އިސްލާޙު ކުރުމަށްފަހުގަ އެވެ. މިޤަރާރު ފާސްކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ މަންދޫބު ވަނީ މިއީ ސޫރިޔާގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ސަލާމަތީ މަޖިލިސް ވަނުން ނޫން ކަމަށާއި ސޫރިޔާ ސަރުކާރެކޭ އެއްގޮތަށް އެޤައުމުގެ އިދިކޮޅު ފަރާތްތައް ވެސް އަނާންގެ ޕްލޭން ތަންފީޒު ކުރަންޖެހޭނެ ކަމުގަ އެވެ.

ސޫރިޔާ ސަރުކާރުން ސޫރިޔާގައި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކާދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތައް ސަލާމަތީ މަޖިިލީހުގައި އަޑުއުފުލާފައިވާ އިރު ރަޝިޔާއާއި ޗައިނާއިން ވަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށްފަ އެވެ. ސޫރިޔާ ސަރުކާރުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރުމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ޤަރާރުތައް ފާސްކުރުމަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފަ އެވެ.

އަދި ސަލާމަތީ މަޖިލިސް މެދުވެރިކޮށް ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ކުރި މަސައްކަތްތައްވެސްވަނީ ނާކާމިޔާބުވެފަ އެވެ. (އަލްޖަޒީރާ)