19:00


މާލެ އަމާން ތަނަކަށް ހެދުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުފެނި ހާލަތު ގޯސްވަމުންދާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް މާލޭގައި ހިންގާ އެފަދަ ބޮޑެތި މާރާމާރީތަކާ ގުޅިގެން މަރުވަމުންދާ ޒުވާނުންގެ އަދަދާއި ބޮޑެތި ޒަޚަމްތައް ވަމުންދާ ކުދިންގެ އަދަދު އިތުރުވެ، މާލޭގެ އަމަން އަމާންކަން ގެއްލި ކަންބޮޑުވެ ހާސްކަންމަތީ ދިރިއުޅެންޖެހޭ ފަދަ ހާލަތަކަށް މާލެ ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަމާ އެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


މާލޭގެ ހާލަތު ގޯސްވެ އަމަން އަމާންކަން ގެއްލި، ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާތީ އެކަން ހުއްޓުވުމަށް ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލައިފި އެވެ.


އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެ އަމާން ތަނަކަށް ހެދުމަށް ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތުން އެކަށީގެންވާ ނަތީޖާ އެއް ނުފެނި ހާލަތު ގޯސްވަމުންދާ ކަމަށެވެ. 


ފާއިތުވި ދެ ދުވަހު މާލޭގައި ހިނގި މާރާމާރީތަކުގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން ވެސް އިތުރު ހަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ފުލުހުންވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ.


މާލޭގައި މާރާމާރީތައް އަނެއްކާ ވެސް އިތުރުވެފައި މިވަނީ، މާލޭގެ އަމަންއާމަންކަން ގެއްލި، މީހުންގެ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިއުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފައިވަނިކޮށެވެ.