މާފުށިވަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޢަފޫރެވެ.

ނިޝާހްގެ އާއިލާއިން ވަނީ އޭނާ މަރުވިކަން "ސަން"އަށް ޔަގީންކޮށްދީފައެވެ. މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:00އާއި 5:30އާ ދެމެދުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ނިޝާހް އަކީ، ނޮވެމްބަރު 18، 2018ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ.

މޫދަށް އެރި އުޅުނު ކުއްޖަކު ސަލާމަތް ކުރުމުން އެކަން ފާހަގަކޮށް ނިޝާހުއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމް ދެއްވަނީ--

އެކަމުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން ނިޝާހަށް ވަނީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި ބައިނަލްއަގުވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް ވަނީ ނިޝާހް ދެއްކި ހިތްވަރު ފާހަގަކޮށްފައެވެ.