ޕާކިސްތާނުގެ ޕިޝާވަރު ސިޓީގެ މިސްކިތެއްގައި ބޮން ގޮއްވާލައި، 34 މީހަކު މަރާލައިފިއެވެ.

އެ މިސްކިތުގައި ބޮން ގޮއްވާލީ މެންދުރު ނަމާދު ވަގުތަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތަށް ޖަމާވަމުންދިޔަ ވަގުތެއްގައެވެ. އެއީ ގާތްގަނޑަކަށް 13:30ހާއިރު ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބީބީސީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންނެވެ. އަދި އެއީ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް މިހާރު ވަނީ ތުހުމަތުކޮށްފައެވެ.

އެ ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އެ ހަމަލާގައި މިސްކިތުގެ ބައެއް ހަލާކުވެ ވެއްޓިފައި ވާއިރު، އޭގެ ދަށުގައި ގިނަ ބަޔަކު ތާށި ވެފައިވާކަމަށް ބެލެވޭކަމަށް ޕާކިސްތާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ޕިޝަވާރުގެ ޕޮލިސް ޗީފް މުހައްމަދު އިޖާޒް ޚާންއާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދުގައި 300 އާއި 400 ދެމެދުގެ އަދަދަކަށް ފުލުހުންގެ އޮފިޝަލުން ތިބި ކަމަށް ބެލެވެއެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުންނެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހަމަލާއަކީ މިދިޔަ އަހަރު އެ ޖަމާއަތުގެ ހަނގުރާމަވެރިޔާ ޚާލިދު ޚުރާސާނީ މަރާލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

ޕާކިސްތާނުގެ ޕެޝަވާރުގައި ބޮން ގޮއްވާލުމުގެ ހާދިސާ ހިނގި މިސްކިތް -- ފޮޓޯ/ ގެޓީ އިމޭޖަސް

ޕިޝާވަރު ސިޓީގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ޝާފިއުالله ޚާން ވިދާޅުވީ މިހާރު ފުލުހުން ކުރަމުންދާ މަސައްކަތަކީ މިސްކިތް އިމާރާތުން ވެއްޓިފައިވާ ބައިގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އެއީ "އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ" ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޝެހެބާޒް ޝަރީފް ވިދާޅުވީ މި ހާދިސާގެ ފަހަތުގައި ތިބި މީހުންނަކީ "އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ބަޔެއް" ކަމަށެވެ. އަދި މުޅި ގައުމު އޮތީ ޓެރަރިޒަމާ ދެކޮޅަށް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.