ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ޕްރެޒެންޓަރުން ކަމަށްވާ ގުފްތަކު އަޖީރަށް ރޭ ހުޅުމާލޭގައި ހަމަލާދީ އަދި މުހައްމަދު ޖިނާހު އަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލަ އެ ޖަމްއިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނަނީ އެ ޖަމްއިއްޔާ އިން ދެކޭގޮތުގައި އެ ހަމަލާއަކީ ގާނޫނު އަސާސީން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަންކަން ހަނިކުރުމަށް ނޫސްވެރިންނަށް ބިރުދައްކައި ފަހަތަށް ޖެއްސުމަށް ކުރި ދަށުޖަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެމީހުންނަށް ހައްގު އަދަބު ދިނުމަށް މަގުފަހިކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

"މިޖަމްއިއްޔާ އިން ދެކޭގޮތުގައި އެއީ ޚިޔާލުފާޅުކުރުމާ ދެކޮޅަށް ދިން ހަމަލާއެކެވެ. އަދި ގާނޫނު އަސާސީ އިން ނޫސްވެރިކަމާއި ކިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަންކަން ހަނިކުރުމުގެ ގޮތުން ނޫސްވެރިންނަށް ބިރުދައްކައި ފަހަތަށް ޖެއްސުމަށް ކުރި ދަށުދަރަޖައިގެ ކަމެއް ކަމަށް ވެސް މި ޖަމްއިއްޔާ އިން ދެކެމެވެ،"

އެމްޖޭއޭ އިން އެކަން ކުށްވެރިކޮށްފައިވާ އިރު ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނަނީ އެއީ ޑިމޮކްރެސީގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ފިނޑި އަމަލެއް ކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށެވެ. އަދި އެކަން ކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.