15 Apr 2012, 10:01
ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ބައި- އިލެކްޝަންއަކީ ގިނަ ބަޔަކު އިންތިޒާރު ކުރި އަދި ސިޔާސީ ގޮތުން މުހިންމުކަން ބޮޑުވި ދެ ގޮނޑި އެވެ. ރާއްޖެ އަށް 2008ގައި، އައި ސިޔާސީ ބޮޑު ބަދަލަށް ފަހު އަދި އޭގެ ފަހުން އައި ރައްޔިތުން މަޖިލީސް އިންތިހާބަށް ފަހު ސިޔާސީ މައިދާނުގެ ޗާޓް މިހާރު ކުރެހިފައި އޮތް ގޮތް ހީކުރެވުނު ގޮތާ ތަފާތެވެ. ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ވެއްޓުމަށް ފަހު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުޅިބައި އަތުރާނެ ގޮތް އޮތީ ސާފުނުވެ އެވެ. އެކަމަށް އެމްޑީޕީ އިން ގޮވީ އަވަސް އިންތިހާބެކެވެ. ޝަރުތުތަކާ އެކު ސަރުކާރުން ވެސް އެ ފަލްސަފާ ގަބޫލުކުރީ އެހެންވެ ކަމަށް ވެދާނެ އެވެ.
އިއްޔެ ނިމިގެންދިޔަ ބައި އިލެކްޝަނަކީ ކާމިޔާބެއްގެ އިތުރުން އިބުރަތެއް ކަމުގައިބެލިދާނެ އެވެ. ރާއްޖޭގެ ސިޔާސީ މަގުޗާޓް ކުރެހި ދެ އިންތިހާބަކީ ތިމަރަފުއްޓާއި ކާށިދޫގެ ބައި އިލެކްޝަންގެ ނަތިޖާކަމަށް ބެލިދާނެ އެވެ. އެމްޑީޕީން ވެސް އަދި ސަރުކާރާއި އިއްތިހާދުވެފައިވާ ޕާޓީތަކުން ވެސް ގަބޫލުކުރާ ހަގީގަތްތަކެއް އެބަހުއްޓެވެ. ނަމަވެސް ދެ ފަރާތުން ގަބޫލުކުރާ ހަގީގަތްތައް އުޑާބިމާހާ ތަފާތެވެ. އިންތިހާބުގެ ނަތީޖާ ޝަރަހަ ކުރެއްވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދެ ގޮނޑި ވެސް ސަރުކާރުގެ ޕާޓީތަކުން ކާމިޔާބުކުރިކަން ހާމަވިތާ އިރުކޮޅެއް ނުވެ ވަހީދު ވިދާޅުވީ؛ "ސަރުކާރަށް ތާއީދު އޮތް ކަން ހާމަވެގެން ހިނގައްޖެ" ކަމަށެވެ. އަދި އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ؛ "މަޖިލީހުގައި އަހަރުމެންނަށް [އެއްބައިވަންތަ ކަމުގެ ސަރުކާރަށް] ސާފު އަޣުލަބިއްޔަތެއް އެބައޮތް" ކަމަށެވެ.
ސަރުކާރުން ގަބޫލުކުރަނީ އެ ނަތީޖާތަކުން އެމްޑީޕީ އަށް ތާއީދެއް ނެތް ކަމާއި ތާއީދު އޮތީ ސަރުކާރަށް ކަމަށެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވާ ގޮތުން އެމްޑީޕީ އިން ގޮވާ އަވަސް އިންތިހާބާއި އެ ޕާޓީގެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހުރިއްޔާ މުހަންމަދު ނަޝީދު ފޭލްވެއްޖެ ކަން ނަތީޖާ އިން ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރަށް ރައްޔިތުން އާ އެކޭ ބުނުމުގެ ފެހި ސިގްނަލް ލިބިއްޖެ ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"މި ނަތީޖާ އިން އެނގިގެން މިދަނީ މި އެއްބައިވަންތަކަމުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން. އަސްލު މިއީ ވަރަށް ބޮޑަށް ވާދަވެރިކޮށް ދިޔަ ދެ އިންތިހާބު. ދެން އަވަސް އިންތިހާބަކަށް އެމްޑީޕީ ގޮވަމުން މިދަނީ، އެކަމަކު ކަނޑައެޅިގެން ދޭހަ މިވަނީ ދިވެހިރާއްޖޭގެ ރައްޔިތުން އަވަސް އިންތިހާބެއް ބޭނުން ނުވާކަން. އެމްޑީޕީގެ ރައީސް ނަޝީދު ސާފުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީ އޮތް ހިސާބު އެނގޭނީ އިންތިހާބަކުންނޭ. އެހެންވީމާ އެމްޑީޕީ އޮތް ހިސާބު އެނގިގެން ހިނގައްޖެ. ރައްޔިތުން ތިބި ގޮތް އިނގިއްޖެ. މިއީ ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ވެސް ފޮނުވައިދިން މެސެޖެއް،" އައްބާސް ވިދާޅުވި އެވެ.
އިންތިހާބިގެ ނަތީޖާ އަށް ދާއިރު ކާށިދޫ ދާއިރާގެ ގޮނޑި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ނެންގެވީ 1107 ވޯޓުންނެވެ. އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ހަލީމް އަށް ލިބިވަޑައިގަތީ 919 ވޯޓެވެ. ގިނަ ޕާޓީތަކެއްގެ ތާއީދާ އެކު ޖާބިރަށް ކާށިދޫ ދާއިރާ އިން 53.7 ޕަސެންޓް ލިބުނި އިރު އެމްޑީޕީ އެކަންޏަށް 44.61 ޕަސެންޓް ކާމިޔާބުކުރެވުނެވެ. އަދި ތިމަރަފުށީ ދާއިރާ އަށް ޕީޕީއެމް އިން ވާދަކުރި ކެނޑިޑޭޓު އަހުމަދު ޝަރީފް 1756 ވޯޓާ އެކު އެމްޑީޕީގެ މުހަންމަދު މުސްތޮފާ ބަލި ކުރެއްވި އެވެ. މުސްތޮފާ އަށް ލިބިވަޑައިގަތީ 1327 ވޯޓެވެ.
އެ ނަތީޖާތަކުގެ މައްޗަށް އެމްޑީޕީ އިން ކުރަހާ މަންޒަރު ތަފާތެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހަންމަދު ސޯލިހު އިބޫ ވިދާޅުވާ ގޮތުން އެމްޑީޕީ އަށް ކާމިޔާބީތަކެއް ލިބިއްޖެ އެވެ. އިބޫ ވިދާޅުވާ ގޮތުން ކާށިދޫ ދާއިރާ އިން ވެސް އެމްޑީޕީ އިން 100 ޕަސެންޓް ކުރިއެރުމެއް ހޯދި އެވެ. އަދި ތިމަރަފުށީ ދާއިރާ އިން އެމްޑީޕީން ހީނުކުރާ ގޮތަކަށް ނަތީޖާތައް ނުކުތެވެ. އިބޫ ވިދާޅުވީ އޭގެއިން އެމްޑީޕީގެ ސިޔާސަތު ރައްޔިތުން ގަބޫލުނުކުރުން ދޭހައެއް ނުކޮށްދޭ ކަމަށެވެ. އޭގެ ބަދަލުގައި ތިމަރަފުށީ ދާއިރާގައި ކެމްޕޭންގައި މައްސަލަތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބަލާއިރުގައި ކާށިދޫ ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި އެބަހުރި. އެންމެ ފަހުގެ ރައްޔިތުން މަޖިލީހުގައި ލިބިފައި އޮތީ ހަތް ޕަސެންޓް. ރިޔާސީ އިންތިހާބުގައި 20 ޕަސެންޓް. މިފަހަރު އެ އޮތީ 40 ޕަސެންޓް. އެހެންވީމާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވޭނީ، އަޅުގަނޑުމެން މި ވާދަކުރީ ދެން އޮތް ހުރިހާ ޕާޓީއެއް ވާދަކޮށްގެން، އަދި ސަރުކާރާއި ދެން އޮތް އަށް ޕާޓީ އަދި ފުލުހުންގެ 90 ޕަސެންޓް ވެސް އެއީ ހުދު އަޅުގަނޑުމެންނާއި ދެކޮޅަށް އަޅުގަނޑުމެންނާ ގަބޫލުނޫން ބަޔެއް ކަމަށް. އެ ހުރިހާ ކަމަކާ އިދިކޮޅަށް އެހެންވީމާ 43 ޕަސެންޓް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" އިބޫ ވިދާޅުވި އެވެ. "ކާށިދޫ ދާއިރާގައި ވީގޮތަކީ ކެންޑިޑޭޓަށް ވެސް މާބޮޑު ޔަގީންކަމެއް އޮތީ. ތިމަރަފުށީގައި ވޯޓުލާން ޖެހޭ 300 އެއްހާ މީހުން ވޯޓުނުލާ އޮތް ކަން ފާހަގަވޭ. އެ މަސައްކަތް ކުރެވުނަސް ވީސް. ތިމަރަފުށީގެ މާލޭގެ ވޯޓު މީގެ ކުރިން މުސްތޮފާ ނެންގެވި ވޯޓެއް އެކަމަކު މިފަހަރު އުޅެނީ ހަތް ވޯޓުގެ ތަފާތު، އެއަށް އައި ބަދަލު އަޅުގަނޑުމެން ވިސްނަން ޖެހޭނެ. އަޅުގަނޑުމެންނަށް ނެތް ޑިފީޓް ވެފަ އެއް. ކުރިއެރުމެއް މި ފެންނަނީ،"
އެމްޑީޕީން ނަތީޖާގެ ބޮޑު މަންޒަރު ކުރަހަނީ އެހެން ކަމަށް ވިޔަސް ސަރުކާރުން އެމީހުންގެ ކޮޅަށް ބޮޑު މަންޒަރު ކުރެހިޔަސް ސިޔާސީ މައިދާނުގެ ޗާޓެއް ކުރަހާލެވިދާނެ އެވެ. އެއީ މަޖިލީހަށް އަންނަ ބަދަލުގެ ތެރެއިންނެވެ. އިބޫ ވެސް އެކަމަށް އެއްބަސްވެލައްވަ އެވެ. ހަމަގައިމު ވެސް މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ ފޯމޭޝަންއަށް ބަދަލު އަންނާނެ އެވެ. މިހާރު އަމިއްލަ ގޮތުން ޕީޕީއެމްގެ ފިކުރު ޕްރޮމޯޓްކުރާ މެންބަރުންނަށް މަޖިލީހުގައި ހައިސިއްޔަތެއް ލިބިއްޖެ އެވެ.
"ޕީޕީއެމް ރެކޮގުނައިޒްވީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން. ޑީއާރުޕީ އަށް މައިނޯރިޓީ ލީޑަރުކަން ގެއްލި ޕީޕީއެމްގެ ޕީޖީ ލީޑަރަށް މައިނޯރިޓީ ލީޑަރުކަން ލިބޭނެ އައު މެންބަރުން ހުވާކުރުމުން. ނަމަވެސް ކޮމެޓީގެ ކޮމްޕޮޒިޝަނަށް މާބޮޑު ބަދަލެއް ނާންނާނެ. އެކަމަކު ޕީޕީއެމްގެ ނިސްބަތުން ގޮނޑިތައް ލިބެން ޖެހޭނެ. އެކަމަކު މިހާރު ވެސް އެބޭފުޅުންގެ މެންބަރުން އަމިއްލަ މެންބަރު ގޮތުގައި މިތިބެނީ. ދެން އަޅުގަނޑަށް ފެންނަނީ އެބޭފުޅުން ޕީޕީއެމްގެ ނަމަށް ބަދަލުވެގެން ދާނީ،" އިބޫ ވިދާޅުވި އެވެ.
މީގެކުރިން އެމްޑީޕީން ޕީޕީއެމް އަށް މަޖިލީހުގައި ހައިސިއްޔަތެއް ހޯދަދޭން ދެކޮޅު ހެދިޔަސް ނުހެދިޔަސް އެކަން ނިންމީ ރައްޔިތުންނެވެ. އެކަން ސާފެވެ. އެމްޑީޕީ އެންމެ ބޮޑަށް ވާދަކުރި ތިމަރަފުށީ ދާއިރާގެ ގޮނޑި ވެސް ޕީޕީއެމް އިން ނެގި އެވެ. އަދި ކާށިދޫ ގޮނޑި ވެސް ނެގީ ޖުމްހޫރީ ޕާޓީ އެވެ. އެމްޑީޕީ އަށް މުހިންމު ވަގުތެއްގައި ގެއްލުނީ މުހިންމު ދެ ގޮނޑި އެވެ. އެއީ ހަގީގަތެވެ. ކޮންމެ ގޮތަކަށް އިންތިހާބުގެ ނަތީޖާ ޝަރަހަ ކުރިޔަސް ގަބޫލުކުރެވެނީ އަދި ދޭހަވަނީ ވެސް އެ ހަގީގަތްތަކެވެ.