30 Jan 2023, 11:30
މާލޭގެ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓުނު މީހާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ހާއިރުއެވެ. އެމީހާ ވެއްޓިފައިވަނީ މަޖީދީމަގު ކަންމަތީގައި އެމްއެންޕީ އޮފީސް ހުންނަ އިމާރާތުގެ ހަތްވަނަ ފަންގިފިލާއިންނެވެ.
މާލޭގެ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން މީހަކު މަގު މައްޗަށް ވެއްޓި، އޭނާއަށް ވަނީ އަނިޔާވެފަ --
ތަފްސީލް:https://t.co/b3U4bYCceCpic.twitter.com/23bCOMX2ZK— sun.mv (@sunbrk)January 28, 2023
އެކަމާ ގުޅިގެން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު "ސަން"އަށް ވިދާޅުވީ އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗް ގައި ކަމަށެވެ.
"މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:00ހާއިރު އޭޑީކޭއަށް ގެނެސް އެންމެ ފުރަތަމަ ފަރުވާދިނީ އެމަޖެންސީގައި، ފަހުން އޮޕަރޭޝަން ތިއޭޓަރުގައި ވަނީ ފަރުވާ ދީފަ،" އޭނާ ވިދާޅުވިއެވެ.
އެމީހާގެ މިހާރުގެ ހާލަތާ ގުޅިގެން އައްފާލު ވިދާޅުވީ އޭނާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މަގުމައްޗަށް ވެއްޓުނީ އެމްއެންޕީ އޮފީސް ހުންނަ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ މީހާ މަގުމައްޗަށް ވެއްޓުމާއެކު އެ ސަރަހައްދުގައި ތިބި އާންމުންނާއި އާރުސީސީގެ މުވައްޒަފުންގެ އެހީގައި އޭނާ ނަގައިގެން ޕިކަޕަކަށް ލައިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.