15 Apr 2012, 09:13
ޤާހިރާ (މާޗް 15): މިސްރުގެ ރިޔާސީ ރޭހަށް ކުރިމަތިލި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 10 ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަނުވާތީ އެމީހުންގެ ކެންޑިޑެންސީ ބާތިލްކޮށްފި އެވެ.
މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީން، ކެންޑިޑެންސީ ބާތިލްކުރި ކެންޑިޑޭޓުންގެ ތެރޭގައި މަޤާމުން ދުރުކުރެވުނު ރައީސް ޙުސްނީ މުބާރަކްގެ ނައިބަކަށް ހުންނެވި ޖެނެރަލް ޢުމަރު ސުލައިމާން، އިޚްވާނުލްމުސްލިމީން ޖަމާއަތުން ކުރިމަތިލި ދެކެންޑިޑޭޓުންގެ ތެރެއިން އެއްކެންޑިޑޭޓް ކަމަށްވާ ޚީރަތުއްޝާތިރު އަދި އިސްލާމް ދީނަށް ގޮވާލުމަށް މަސައްކަތްކުރައްވާ ދާޢިޔާ އެއްކަމަށްވާ ޙާޒިމް ސަލާޙް އަބޫއިސްމާޢީލް ހިމެނެ އެވެ.
މިސްރުގެ ރިޔާސަތަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޢަދަދަކީ 23 އެވެ. އެ އެންމެން ޝަރުތު ހަމެވޭތޯ ބެލުމަށް ޓަކައި އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީގެ ޤާނޫނީ ޓީމަކުން އެމީހުންގެ ހުރިހާ ލިޔެކިޔުންތަކެއް ބަލައި މުރާޖަޢާކޮށް އަދި ދެ ވަނަފަހަރަށް ޗެކްކުރުމަށް ފަހު ނިންމާފައި ވަނީ އިންތިޚާބުގެ ޤާނޫނުގައިބުނާ ޝަރުތުތައް 10 ކެންޑިޑޭޓެއްގެ ކިބާގައި ނެތްކަމުގަ އެވެ.
ރައީސް ޙުސްނީ މުބާރަކްގެ ނައިބަކަށް ހުންނެވި ޖެނެރަލް ޢުމަރު ސުލައިމާންގެ ޝަރުތު ހަމަނުވާކަމަށް ނިންމީ ކެންޑިޑޭޓަކަށް ވުމަށްޓަކައި ހުށަހަޅަން ޖެހޭ 1000 މީހުންގެ ސޮއި ފުރިހަމަކޮށްފައިނުވާތީ އެވެ. އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ދެކެންޑިޑޭޓންގެ ތެރެއިން އެއްކެންޑިޑޭޓް ކަމަށްވާ ޚީރަތުއްޝާތިރުގެ ކެންޑިޑެންސީ ބާތިލްކުރީ ޙުސްނީ މުބާރަކްގެ ދުވަސްވަރު އޭނާގެ މައްޗަށް މިސްރުގެ ކޯޓްތަކުން ކޮށްފައިވާ ޙުކުމްތަކަށް ސަރުކާރުން ޢަފޫޢާންމު ދީފައިނުވާތީ އެވެ. އިސްލާމް ދީނަށް ގޮވާލުމަށް މަސައްކަތްކުރައްވާ ދާޢިޔާ އެއްކަމަށްވާ ޙާޒިމް ސަލާޙް އަބޫއިސްމާޢީލްގެ ޝަރުތު ފުރިހަމަނުވާކަމަށް ނިންމީ އޭނާގެ މަންމައަކީ އެމެރިކާގެ ރައްޔިތަކަށް ވުމެވެ.
ބޭރު ޤައުމެއްގެ ރައްޔިތެއްގެ ދަރިއަކު މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނު ބުނެއެވެ. އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީން ވަނީ ޤާހިރާގައި ހުންނަ އެމެރިކާގެ އެންބަސީ މެދުވެރިކޮށް ވަރަށް ރަނގަނޅަށް މިކަން ބަލާފަ އެވެ. މިބެލި ބެލުމުން، ޙާޒިމް ސަލާޙް އަބޫއިސްމާޢީލްގެ މަންމަ 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެމެރިކާގެ ނެޝަނަލްޓީ ހޯދައިގެން އެމެރިކާގެ ރައްޔިތަކަށް ވެފައިވާކަންވަނީ ކަށަވަރުވެފަ އެވެ.
މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ކަމަށް ބެލެވިފައިވާ ތިން ކެންޑިޑޭޓުންނަކީ އިޚްވާނުލްމިސްލިމީން ޖަމާޢަތުގެ ދެވަނަ ކެންޑިޑޭޓް ޢަބްދުލްމުންޢިމް އަބުލްފުތޫހް، ކުރީގެ ޚާރިޖީ ވަޒީރު އަދި ޢަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރު ޢަމްރު މުސާ އަދި ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޑޮކްޓަރ އަޙްމަދު ޝަފީޤެވެ.
މިސްރުގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭން ފެށުމަށް ހަމަޖެހިފައިވަބީ މި އެޕްރީލް މަހުގެ 30 ވަނަ ދުވަހެވެ. ކޭންޕޭން ނިމޭ ތާރީޚަކީ 21 މޭ އެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައި ވަނީ 24 މޭ ގައެވެ. މިއީ ގިނަ ޕާޓީތަކެއް ވާދަކޮށްގެން ޑިމޮކްރަސީގެ އުސޫލުން މިސްރުގައި ބޭއްވޭ ރިޔާސީ ފުރަތަމަ އިންތިޚާބެވެ. (އަލްޖަޒީރާ)