ހުޅުމާލޭގައި އަލަށް ގާއިމްކޮށްފައިވާ ސަރުކާރު އޮފީސް އިމާރާތަށް, މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ، ބޮޑު ހޭދައެއްކޮށްގެން ސަރުކާރުގެ ގިނަ އޮފީސްތަކެއް ވަކި މުއްދަތެއްނެތި އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީއެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއެވެ. ޖެންޑާ މިނިސްޓްރީގެ އިތުރުން، ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެކުރިން "ސަން"އަށް ވިދާޅުވެފައިވަނީ ތަންތަން ބަދަލުކުރާއިރުގައި އިސްކަން ދީފައިވަނީ މިހާރު ކުއްޔަށް ތަންތަން ނަގައިގެން ހިންގާ މިނިސްޓްރީތަކަށް ކަމަށެވެ.

މިހާތަނަށް ޖެންޑާ މިނިސްޓްރީ ހިންގަމުން އައިސްފައިވަނީ ގ. ބިއްލޫރި ޖެހިގެއާއި ސީޓްރެކް ބިލްޑިންގައެވެ.

އައު އިމާރާތަށް ނަންދީފައިވަނީ އަލްމަރްހޫމް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ނަންފުޅުންނެވެ. ހަ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންއަށެވެ. އެ އިމާރާތަށް ބަދަލުކުރާ އޮފީސްތައް ހިންގާނީ ދެވަނަ ފަންގިފިލާއިން ފެށިގެން ފަސް ވަނަ ފަންގިފިލާއާ ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާއެވެ.