މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި ވޯޓްލުން ދިޔަގޮތާއި މެދު އިލެކްޝަން ކޮމިޝަނުން ހިންހަމަ ޖެހޭ ކަމަށް ބުނެފި އެވެ.

ބައި އިލެކްޝަން ތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ކޮންމެ އިލެކްޝަނެއް ނިމިގެންދާއިރު ވެސް ޝަކުވާ ތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި މިއަދުގެ ހިނގައިދިޔަ އިލެކްޝަންތަކުގައި ވެސް ކޮންމެވެސް ވަރަކަށް ޝަކުވާ ހުށަހެޅި ކަމަށެވެ. ނަމަވެސް ވާދަވެރިއިންތިހާބުތައް ނިމިގެން ދިޔައީ ވަރަށް އަމާންކަމާއި އޮމާންކޮށް ކަމަށާއި އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ޝަކުވާ އެއް ހުށައަޅާފައިނުވާ ކަމަށެވެ.


"ކޮންމެ އިލެކްޝަން ތަކެއްގައި ވެސް ކޮންމެވެސް ކަހަލަ ޝަކުވާ ތަކެއް ހުރުމަކީ މީގެކުރިން ދިމާވެފައި ހުރިކަންތައް. ވަރަށް ވާދަވެރި ދެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ދެ ގޮނޑިއަކަށް ވާދަކުރާ އިންތިހާބަކާއި ދެ ދާއިރާއެއްގެ ރަށު ކައުންސިލް އިންތިހާބުކަމަށް ވާތީވެ ވަރަށް ވާދަވެރިކަމައި އެކު ދިޔައީ އެހެންނަމަވެސް އިންތިހާބުތައް ދިޔައީ ވަރަށް އަމާންކަމާއި އޮމާން ކަމާއިއެކު ކަމަށް ދެންނެވޭނީ،" ފުއާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ މިއަދު ވޯޓް ނެގި ގަޑީގައި ގުރައިދޫގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން ފިޔަވާ މާބޮޑު ހަމަނުޖެހުންތަކެއް ހިނގާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބާއި ގުޅޭގޮތުން ހަތް ސަކުވާއެއް ލިބިފައިވާކަމަށާއި އެ ޝަކުވާތަކަކީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓެއްގެ ޝަކުވާ އެއްނޫން ކަމަށެވެ. އެ ޝަކުވާތައް ތަކަކީ ކާށިދޫ ދާއިރާއިން ހުށައަޅާފައިވާ ދެ ޝަކުވާ އަކާއި ތިމަރަފުށީ ދާއިރާއިން ހުށައަޅާފައިވާ ހަތަރު ޝަކުވާއެއްގެ އިތުރުން މާލެއިން ހުށައަޅާފައިވާ އެއް ޝަކުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތިޖާގައި ވާގޮތުން ކާށިދޫދާއިރާގެ ގޮނޑި 1107 ވޯޓާއި އެކު ކާމިޔާބުކޮށްފައިވަނީ ޖުމުހުރީ ޕާޓީގެ ކެނޑިޑެޓް އަބުދުﷲ ޖާބިރު، އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ހަލީމަށް ލިބިވަޑައިގެން ނެވީ 919 ވޯޓެވެ. ތިމަރަފުށީ ދާއިރާގެ ގޮނޑި 1756 ވޯޓްލިބިވަޑައިގެން ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ޝަރީފް އާދަމެވެ. އެ ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު މުސްތަފާއަށް ލިބިވަޑައިގަތީ 1327 ވޯޓެވެ.

މީގެ އިތުރުން ހދ. ކުމުންދޫގެ ރަށު ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ 257 ވޯޓް ލިބިވަޑައިގެންނެވި ޕީޕީއެމް ކެނޑިޑޭޓް މުހައްމަދު ޝާފީއެވެ. އެމްޑިޕީން ވާދަކުރެއްވި އާއިޝަތު ހަސަން އަށް ލިބިލެއްވީ 164 ވޯޓެވެ. އަދި ގާދިއްފުށީ ރަށުކައުންސިލް ކާމިޔާބުކޮށްފައިވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އިރުޝާދަށް ލިބިލެއްވީ 223 ވޯޓެވެ. ވާދަކުރެއްވި ޕީޕީއެމް ކެނޑިޑޭޓް ހުސައިން ސިޔާއު އަށް ލިބިލެއްވީ 169 ވޯޓެވެ.

ފުވާދު ވިދާޅުވީ އިލެކްޝަން ނިމުމަށްފަހު ޝަކުވާ ހުށައެޅުމަށް 72 ގަޑިއިރުގެ ފުރުސަތެއް ލިބިފައިވާނެ ކަމަށާއި އެގަޑި ހަމަވުމާއި އެކު އިންތިހާބުގެ ދާއިމީ ނަތީޖާ އަންގާރަ ނުވަތަ ބުދަދުވަހު އިއުލާން ކުރައްވާނެ ކަމަށެވެ.