ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އއ. ރަސްދޫގައި ހުންނަ އެ ބޭންކުގެ ބްރާންޗުގެ އާ އިމާރާތް ހުޅުވައި، ސެލްފް ސާވިސް ބޭންކިން އޭޓިއެމްގެ ޚިދުމަތް ފަށައިފިއެވެ.

މިއީ ބީއެމްއެލްގެ ބޭންކިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި ޚިދުމަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ރަސްދޫގައި ފެށުނު ޚިދުމަތާއެކު، އެ އަތޮޅުގެ މަތިވެރި، ތޮއްޑޫ އަދި އުކުޅަހުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ސެންޓަރުތައް ބޭންކުން ވަނީ ގާއިމްކޮށްފައެވެ.

ބީއެމްއެލް އިން ރަސްދޫގައި ގާއިމް ކުރި އޭޓީއެމް ބްރާންޗް --- ފޮޓޯ/ ބީއެމްއެލް.

އެގޮތުން މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މިއަދު ޙިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗާއެކު މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަަރު އަދި 142 އޭޓީއެމް ހިމެނެއެވެ.

މީގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.