29 Jan 2023, 13:36
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މިހާތަނަށް އެންމެ ފުރިހަމަ އިންތިޚާބުކަމަށް، އެ ޕާޓީގެ އިންތިޚާބު ކޮމިޓީގެ މުގައްރިރު، އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެގެ ޕްރައިމަރީ އިންތިޚާބާ ގުޅިގެން، އިންތިޚާބު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބްރޭ ވިދާޅުވީ، އިންތިޚާބު ފުރިހަމަވީ ގިނަ ސަބަބުތަކަކާއެކު ކަމަށެވެ.
އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށް ގެންގޮސް ހަމަ އެ ދުވަހުގެ ތެރޭ ވަގުތީ ނަތީޖާތައް ވެސް އާންމުކުރުމަކީ އަލަށް ކުރެވުނު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންތިޚާބާ ގުޅިގެން މާ ސީރިއަސް ޝަކުވާތަކެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކާމިޔާބުކަމަށް މި ދަންނަވާ އަނެއް ސަބަބަކީ މި ވަރުގެ ބޮޑު އިންތިޚާބެއް ނިންމާލި އިރު އަޅުގަނޑުމެންގެ ހޮޓްލައިނަށާއި އޮންލައިންކޮށް ލިބުނު ޝަކުވާ. އޭގެ ތެރެއިން އަޅުގަނޑުމެންނަށް މިއަދުގެ މިހާތަނަށް ވެސް ލިބިފައިމިވަނީ އަޅުގަނޑުމެންގެ ރަސްމީ ޕޯޓަލަށް ހުށަހެޅިފައިވާ 50 ޝަކުވާ. ފޯނަށް ލިބުނީ 10 ޝަކުވާ،" އިބުރޭ ވިދާޅުވިއެވެ.
އެހެންނަމަވެސް ފާހަގަކުރެވުނު ބައެއް އެހެން މައްސަލަތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކެންޑިޑޭޓެއްގެ މަންދޫބުކަމަށް ބުނެ ޕީޕީއެމްގެ ދެ މީހަކު ވޯޓުލާ މަރުކަޒަށް ވަދެ, ވޯޓުލުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަމަށް ބުނެގެން ށ. ފީވަކުގައި އިންތިޚާބުގައި ވޯޓުލުން ފެށުން ލަސްވި މައްސަލައެއް ފާހަގަވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ ކަން ހައްލުކުރިކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބު ކޮމިޓީއަށް ލިބުނު ޝަކުވާތައް، ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައި އެ ކަން ބަލައިދިނުމަށް އެދޭނެކަމަށް ވެސް އިބްރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނަތީޖާ ޝީޓުގައި ލިޔެފައިވާ ވޯޓުލެވޭ މެމްބަރުންގެ އަދަދަށްވުރެ އިތުރަށް ވޯޓުލައިފައިވާކަމަށް ލިޔެފައިވުމަކީ ވެސް ބައެއް މީހުން މައްސަލައެއްގެ ގޮތުގައި ފާހަގަކުރި ކަމެއްކަމަށެވެ. ނަމަވެސް އެ ކަން އެހެން ހިނގީ ރީ ރަޖިސްޓްރީ ކުރުމުގެ އުސޫލެއް ނެތުމުން އެ މީހަކު ހުރި ކޮންމެ ތަނަކަށް ވެސް ވޯޓު ލެވޭތީކަމަށް އިބުރޭ ވިދާޅުވިއެވެ.
"ޕާޓީގައި ނޯވޭ ވޯޓުލާ މީހުން ރީ ރަޖިސްޓްރީކުރުމުގެ އުސޫލެއް. އަޅުގަނޑުމެންގެ ޕާޓީގައި މިދިޔަ 57،255 މީހުންނަށް އެ މީހުންނަކީ، އޭގެ ތެރެއިން 57،255 މެމްބަރުންގެ ތެރެއިން ހަތް ހާހެއްހާ މެމްބަރުން އުޅެނީ މާލޭގައި. ދެން ތިބި މެމްބަރުންނަކީ އެހެން ރަށްރަށަށް ނިސްބަތްވާ މެމްބަރުން. އެހެންވީމާ އެ ބޭފުޅުންނަށް އެބަ އޮވޭ އެ ބޭފުޅުންގެ ރަށުގައި ވޯޓުލުމުގެ ފުރުސަތު ވެސް އަދި މާލޭގައި ވޯޓު ލުމުގެ ފުރުސަތު ވެސް،" އޭނާ ވިދާޅުވިއެވެ.
އެ އުސޫލު އެހެން އޮތުމުން އެއް ފޮއްޓަކަށް ވޯޓުލާން ހައްގު އޮތް މީހުންގެ އަދަދަށްވުރެ އިތުރަށް ވޯޓު ހުރުމަކީ ވެދާނެކަމެއް ނަމަވެސް ޑަބަލް ވޯޓިންގެ މައްސަލައެއް މިހާތަނަށް ފާހަގަނުވާކަމަށް އިބްރޭ ވިދާޅުވިއެވެ.
އަދި، ކުރިއަށް އޮންނަ އިންތިޚާބެއްގައި ރީ ރަޖިސްޓްރީކުރުމުގެ ކަންކަން ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ އޮތް އެމްޑީޕީގެ ޕްރައިމަރީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް 60 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯއްދަވައިގެންނެވެ.
އިންތިޚާބުގެ ތެރޭ ގިނަ ޝަކުވާތަކަކާއި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތަކާއެކު އިންތިޚާބުގެ ނަތީޖާ ބަލައިނުގަންނާނެކަމަށް ވެސް ރައީސާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.