29 Jan 2023, 13:45
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިންގި ހަމަނުޖެހުންތަކުން ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވި އެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. އެގޮތުން ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ގދ. ތިނަދޫ އާއި ގދ. ރަތަފަންދޫއިން ތިން މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ރަތަފަންދޫ އިން ދެ ފިރިހެނަކާއި ގައްދޫ އިން ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. އަދި މާލޭގައި އިސްކަންދަރު ސްކޫލުގައި ހުރި ޅ. ހިންނަވަރު ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތުގައި ވެސް ދެ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަމަނުޖެހުންތަކުން ހައްޔަރު ކުރި ފަސް މީހުންގެތެރެއިން ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ހަމަނުޖެހުންތައް ހިންގި ނަމަވެސް ވޯޓުލުން ކުރިޔަށް ގެންގޮސް ރޭ ނިންމާލިއިރު ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާނު ކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.