28 Jan 2023, 21:52
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން މިއަދު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ގެ ނަތީޖާއާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ އިންތިހާބް ކާމިޔާބު ކުރެއްވުމަށް ފަހު، އުފާފާޅުކުރަން އެއްވެ ތިބި މެމްބަރުންތަކަކާ ބައްދަލުކުރެއްވުމުގެ ތެރެއިން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
"އަޅުގަނޑު ކުރިއަށްދާނީ ޕާޓީއާއެކު، އެއީ އަޅުގަނޑުގެ ވިސްނުމަކީ،" "ސަން" އިން ކުރި ސުވާލަކަށް ރައީސް ޖަވާބު ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޕްރައިމަރީގައި އެ މަނިކުފާނަށް ލިބުނު ވޯޓުގެ އަދަދާމެދު މާ ބޮޑަށް ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޞާލިހު މި ޕްރައިމަރީ ކާމިޔާބުކުރެއްވީ، ރައީސް ނަޝީދު ބޮޑު ތަފާތަކުން ބަލިކުރައްވައިގެންނެވެ.
މިއަދު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދެބައިކުޅަ އެއްބައި ވޯޓު ގުނާފައިވާއިރު މިހާތަނަށް 64 އިންސައްތަ ވޯޓު ރައީސް ޞާލިހް ކާމިޔާބު ކުރެއްވިއިރު، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 36 އިންސައްތައެވެ.
މިއަދު ކުރިއަށްދިޔަ ވާދަވެރި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،255 ލިބިފައިވާއިރު އޭގެ ތެރެއިން ވޯޓު ލާފައިވަނީ 30،000 އެއްހާ މެންބަރުންނެވެ.
މިއަދު ހެނދުނު 9:00ގައި ވޯޓު ލާން ފެށިއިރު ގިނަ ވޯޓު ފޮށިތަކުގެ ވޯޓުލުން ވަނީ 5:00އަށް ނިންމާލައިފައެވެ. އެކަމަކު، ވޯޓުލުން ކުރިއަށް ދިޔައިރު ވަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގާ، ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.
ހަމަނުޖެހުން ބޮޑުވެ، ބައެއް ވޯޓުފޮށިތަކުގެ ވޯޓުލުން ވަނީ މެދުކަނޑާ ވެސް ލައިފައެވެ. އެގޮތުން ހަމަނުޖެހުންތަކުގެ ތެރެއިން ތިން ރަށަކުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އިންތިޚާބާއެކު އެމްޑީޕީގައި ނަޝީދު ކުރަމުން އައި ރަސްކަން ވެސް ނިމިގެންދާނެއެވެ. އެ ޕާޓީ 2003 ވަނަ އަހަރު އުފެއްދީންސުރެއް އެ ޕާޓީގެ ކޮންޓްރޯލް ނަންގަވައިގެން އުޅުއްވާފައި ވަނީ ނަޝީދެވެ. އެމަނިކުފާނު ދެކޮޅަށް ނުކުންނަވާ، އެ ޕާޓީގެ އެހެން މެންބަރަކު އިންތިޚާބެއް ކާމިޔާބު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.