ތ. ތިމަރަފުށިން: ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އެކި ރަށްތަކުގެ ވޯޓް ފޮށިތަކުގެ ނަތީޖާ މީޑިއާ މެދުވެރިކޮށް އިއުލާން ކުރުމާ އެކު މިރަށުގެ ދެކޮޅުން އިރުއިރުކޮޅާ ހަޅޭލަވައިގަނެ އެވެ. ތިމަރަފުށީގެ ފުރަތަމަ ވޯޓް ފޮށި އިއުލާން ކުރި ހިސާބުން ރަށް ގުގުމަމުން ދިޔައީ އެމްޑީޕީގެ ސަޕޯޓަރުން އަޑުންނެވެ. އެއީ ރަށުގެ އުތުރު ފަރާތުންނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ފަހު ހުއްޓުމެއްނެތި އަޑު ގަދަވެ ފޯރި ނަގަމުން ދިޔައީ ރަށުގެ ދެކުނު ފަރާތް، ނުވަތަ އައްސޭރި ސަރަހައްދުންނެވެ. އެއީ ގުރައިދޫގެ ވޯޓް ފޮށިތަކުން ތަފާތު ބޮޑު ނަތީއްޖާއަކުން ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފު އާދަމް ކާމިޔާބު ހޯއްދެވުމުންނެވެ.

ތިމަރަފުށީ ވޯޓް ފޮށިތަކުން 100 އެއްހާ ވޯޓުގެ ތަފާތުން މުސްތަފާ ކުރީގައި އުޅުއްވިޔަސް، ގުރައިދޫގެ ދެ ވޯޓް ފޮށިން 400 އެއްހާ ވޯޓާ އެކު ޖުމްލަ މުޅި ދާއިރާ އިން 1735 ވޯޓް ހޯއްދެވީ ޝަރީފެވެ. މުސްތަފާއަށް ލިބިވަޑައިގެންނެވީ 1327 ވޯޓެވެ. އެ ނަތީއްޖާއާ އެކު ރަށުގެ މާހައުލު ބަދަލުވެގެންދިއުމެވެ.

ދޭތެރެ ދޭތެރެއިން ދެ ފަރާތުގެ ސަޕޯޓަރުން ބަހުގެ ހަމަލާތައް ބަަލުވާން ފެށި އެވެ. ހަމައެކަނި ޕާޓީތަކުގެ ދެކޮޅުވެރިކަމެއް ނޫނެވެ. ޒަމާނުއްސުރެ، ރަށުގެ އުތުރު ކޮޅާއި ދެކުނުކޮޅު ނުވަތަ އައްސޭރި ސަރަހައްދާ ދެމެދު އޮންނަ ދެކޮޅުވެރިކަން ވެސް އާވީ އެވެ.

ދެ ބައިމީހުން މެދުގައި ތިބީ ފުލުހުންނެވެ. ދެ ފަރާތުގެ ދެމެދުގައި ކޮންމެ ފަދަ ވަގުތެއްގައި ވެސް ހިނގާފާނެ ހަމަނުޖެހުމަކަށް ޓަކައި ފުލުހުން ތިބީ ތައްޔާރުވެ ދެ ފަރާތުގެ ސަޕޯޓަރުންނަށް އިލްތިމާސްތައް ކުރާށެވެ. ދެބައި މީހުން އެއް ބަޔަކު އަނެއްބަޔަކު އުޅޭ ސަރަހައްދަށް ނުދިއުމަށް އެދި އެވެ.

"އަޅުގަނޑުމެން މި އެދެނީ އެއްބަޔަކު އަނެއް ބަޔަކު ސަޕޯޓް ކުރާ ސަރަހައްދަށް ނުދިއުމަށް. މިއީ ވަރަށް ނާޒުކު ދަނޑިވަޅެއް. ބުނެވޭ އެއްޗަކުން ލޭކެކި ގޯހެއް ހިނގާފާނެ،" ރަށު ތެރޭ ޕެޓްރޯލް ކުރަން ހުރި ފުލުހަކު މިރޭ ބުންޏެވެ.

ފުލުހުންގެ އެދުމުގެ މަތިން މިރޭ ޕީޕީއެމުން ތިމަރަފުށީގައި އުފާފާޅެއް ނުކުރެ އެވެ. ނަމަވެސް ރަށު ތެރޭގެ މާހައުލު އޮތް ގޮތުން "ހުޅުފަޅައިގެން" ހިނގައިދާނެއޭ ހީވެ އެވެ. އެ ބިރަށްޓަކައި އިލެކްޝަންސްގެ އޮފިޝަލުން ވެސް ވަނީ ވޯޓް ފޮށިތަކާ އެކު ތ. ވޭމަންޑޫއަށް ފުރައިފަ އެވެ.

އެމްޑީޕީގެ ސަޕޯޓަރުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި ނަތީޖާގައި އަޑިނޭނގޭ އެތައް ކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރޭ ކަމަށެވެ.

"އަހަރުމެން ގަބޫލެއް ނުކުރާނަން ނަތީއްޖާއެއް! މިރަށަށް ބޮޑު އަސްކަރީ ފައުޖެއް އަރުވައިގެން ތިމަރަފުށީ ރައްޔިތުންނަށް ބިރުދައްކުވައިފައި އެ ތިބީ. އެހެންވެގެން މި ރަށުން 300 އެއްހާ މީހުން ވެސް ވޯޓުލާން ނުނުކުތީ،" އެމްޑީޕީއަށް ސަޕޯޓް ކުރާ މިރަށު ވައިޓް ލިލީ، އަހުމަދު މަނިކު ބުންޏެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުންދަނީ އެ މީހުން އަޑު ގަދަ ކުރާނީ އުފާފާޅު ކުރަން ގުރައިދުއަށް ދިޔަ ޕީޕީއެމްގެ އިސްވެރިން އެނބުރި ވަޑައިގަތުމުން ކަމަށާއި މިރޭ މަޑުން ތިއްބަސް ދެން ގަދަވާނީ ޕީޕީއެމް އަޑު ކަމަށެވެ.

"އަހަރުމެން އަދި އެ މީހުން ބުނާ ގޮތަކަށް ދުލެއް ނުދޭނަން. މަޑުން މިތިބީ ފުލުހުން އެދިގެން. ޕީޕީއެމްގެ ކުޅިވަރު ތިމަރަފުށީގައި ފެށޭނީ މާދަމާ،" ޕީޕީއެމްގެ ސަޕޯޓަރަކު ބުނެލި އެވެ.

ރަށުގައި އުފެދިދާނެ ހަމަނުޖެހުމަށް ޓަކައި ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި ފެން ޕަންޕުތައް މޫދަށް ގުޅައި، ބައެއް ވެހިކަލްތައް ރެޑީކޮށްގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2009 ވަނަ އަހަރު އޭރުގެ އިދިކޮޅު ކެނޑިޑޭޓް ޣައްސާން މައުމޫނަށް ތިމަރަފުށީގައި ކެމްޕެއިން ކުރުމަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި އެވެ. އެ ގޮތުން 17 ގަޑިއިރުވަންދެން ނެރު ބަންދުކުރުމުން ކަނޑުމަތީގައި އިދިކޮޅު ސަޕޯޓަރުން ތިބެންޖެހުނެނެވެ. ނަމަވެސް މާޒީ ފަހަނަައަޅައި ތިމަރަފުށީ ދާއިރާގެ "ރަން ގޮނޑި" ހޯދުނަސް އަދިވެސް ތިމަރަފުށީ އޮތީ ހޫނު ކޮށެވެ.