28 Jan 2023, 17:06
މިހާރު ކުރިއަށް ދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާ އެ މީހުންނާމެދު ފިޔަވަޅު އެޅުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ މި އިންތިޚާބުގައި ނަޝީދާއެކު ދެން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. މިއަދު ހެނދުނު 9:00އިން ފެށިގެން ޕްރައިމަރީގެ ވޯޓުލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ތާއީދުކުރާ މެންބަރުންނާއި އެމަނިކުފާނުގެ ފަރާތުން ވޯޓު ފޮށިތައް ދޮށުގައި ތިބި ބައެއް އޮބްޒާވަރުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެމީހުން ވަގުތުން ދޫކޮށްލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
އަދި، އެމަނިކުފާނު ވިދާޅުވީ ވޯޓު ގަޑުބަޑު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ވޯޓު ގަޑުބަޑުކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން" ނަޝީދު ވިދާޅުވިއެވެ.
ހަމަނުޖެހުން ބޮޑުވެ، ބައެއް ވޯޓުފޮށިތަކުގެ ވޯޓުލުން ވަނީ މެދުކަނޑައިވެސްލައިފައެވެ. އެގޮތުން ހަމަނުޖެހުންތަކުގެ ތެރެއިން ދެ ރަށަކުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ރަތަފަންދޫ އިން ދެ ފިރިހެނަކާއި ގައްދޫ އިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަތަފަންދޫއިން ހައްޔަރުކުރީ ރައީސް ނަޝީދުގެ ދެ މަންދޫބުންނެވެ.
ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، ދެ ފަހަރަށް ބައެއް މީހުން ވޯޓުލުން ފަދަ ކަންކަން ކުރާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު، ނުހުއްޓި ވޯޓުލުން ކުރިއަށްދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.