28 Jan 2023, 16:47
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ސަޕޯޓަރުން، ގދ. ގައްދޫގައި ބަހައްޓާފައިހުރި ވޯޓު ފޮއްޓަށް ވޯޓުލާން ދެކޮޅު ހަދައިފިއެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނިކޮށް، އެ ތަނުގައި ހަމަނުޖެހުން ހިންގައި، އެރަށުގެ ވޯޓުލުން ވަގުތީ ގޮތުން މެދުވެސް ކަނޑައިލިއެވެ. ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުގެ ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ތަނުގައި ތިބި މީހުން އަންނަނީ ޒުވާބުކުރަމުންނެވެ. އަދި ވޯޓު ކަރުދާސްތައް ވީދައި، ވޯޓު ފޮއްޓަކަށް ގެއްލުން ދޭ ތަން ވެސް ފެނެއެވެ.
އެއަށްފަހު އަލުން ވޯޓުލާން ފެށުމާއެކު އެރަށުގައި ތިބި ނަޝީދުގެ ސަޕޯޓަރުން ވަނީ ވޯޓު ބޮއިކަޓްކޮށްފައެވެ.
އެ ރަށުގައި ހަރަކާތްތެރިވާ ނަޝީދުގެ ސަޕޯޓަރެއް ކަމަށްވާ ޖަލީލް މޫސާ "ސަން"އަށް ބުނީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކާ، ވޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އިތުރަށް ވޯޓުލުން ކުރިއަށް ނުގެންދަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
"އެމީހުން އަމިއްލައަށް ވޯޓުލުން އެބަ ކުރިއަށް ގެންދޭ. އެކަމަކު އަހަރެމެން ވޯޓުލުން ހުއްޓާލީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެއީ ކެމްޕޭން ޓީމުން އެމީހުންނަށް އެންގި ގޮތް ކަމަށާއި ގައްދޫ ފޮށީގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށެވެ. އެހެންވެ، ނަޝީދަށް ތާއީދުކުރާ މީހުން އެ ފޮއްޓަށް ވޯޓުލުން ހުއްޓާލައިފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ އިންތިޚާބު މިއަދު ހެނދުނު 09:00ގައި ފެށިއިރު އެންމެ ފުރަތަމަ ވެސް ދިމާވި އެއް މައްސަލައަކީ ގިނަ ދާއިރާތަކެއްގެ ވޯޓު އެއް ފޮއްޓަކަށް އަޅަން ޖެހުމެވެ. ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ލިސްޓުގައި ނެތް މީހުން ވެސް ވޯޓުލާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ، ބައެއް ރަށްރަށުގައި ވޯޓުލުން މެދުކަނޑައިލައިފައި ވެސްވެއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ 57،255 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓުލެވެއެވެ.