މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ގދ. ތިނަދޫ އާއި ގދ. ރަތަފަންދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ރަތަފަންދޫ އިން ދެ ފިރިހެނަކާއި ގައްދޫ އިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަތަފަންދޫއިން ހައްޔަރުކުރީ ރައީސް ނަޝީދުގެ ދެ މަންދޫބުންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތިނަދޫގައި ހަމަނުޖެހުން ހިންގާފައި ވަނީ އެ ރަށު އަބޫބަކުރު ސްކޫލުގައި ހުރި ދެކުނު ދާއިރާގެ ވޯޓު ފޮށި ކައިރީގައެވެ. އެގޮތުން އެ ފޮށި ފަޅާލައި، ވޯޓު ކަރުދާސްތައް ބިންމައްޗަށް އަޅާފައިވާއިރު، ފުލުހުން ހައްޔަރުކުރީ އެ ހަމަނުޖެހުން ތަކުގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެމްޑީޕީގެ ޕްރައިމަރީގައި 57،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގުވަނީ ލިބިފައެވެ. މި ވޯޓަކީ އެމްޑީޕީގެ ތާރީޚުގައި ވެސް ބާއްވާ އެންމެ މުހިންމު އެއް ވޯޓެވެ.