28 Jan 2023, 16:15
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެކި ހިސާބުތަކުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށިތައް ފެޅި ނަމަވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 9:00 ގައި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު، މިހާތަނަށް މާލެއާއި އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި އެކިވަރުގެ ހަމަނުޖެހުން ވަނީ ހިނގާފައެވެ.
އެގޮތުން، ގދ. ގައްދޫގައި ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލާން މީހަކު ވަތް ކަމަށް ބުނެ ވޯޓު ކަރުދާސްތައް އިރައި، ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ވޯޓު ފޮށި ވަނީ ފަޅާލާފައެވެ. އަދި، ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްވާ މަންދޫބުން ވޯޓުލާ މަރުކަޒުން ނެރުމަށްފަހު އަލުން ވޯޓުލުން ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް އެ ފެކްޝަނުން ބުނެއެވެ.
ގދ. ތިނަދޫގައި ވެސް އެފަދަ ހަމަނުޖެހުމެއް ހިނގާފައިވާއިރު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފަށް ވަނީ އެ ހަމަނުޖެހުމުގެ ތެރެއިން ހަމަލާވެސް ދިފައެވެ. މީގެ އިތުރުން ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ ކަމަށް ތުހުމަތުކޮށް ތ. މަޑިފުށީގައި ބަހައްޓާފައި ހުރި ވޯޓުފޮށި ވެސް ވަނީ ފަޅާލާފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން އިބުރޭ ވިދާޅުވީ މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާ އެކުވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.
"ވޯޓުލުން އަޅުގަނޑުމެން މިއަދު ހަމަ ކުރިއަށް ގެންގޮސް ނިންމާނަން." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިބުރޭ ވިދާޅުވީ، އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި، ވޯޓު ފޮށިތަކަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކި މައްސަލަތައް ދިމާވެ، ވޯޓުލުމުގެ ކަންކަން ލަސްވެގެން ދިޔަ މަރުކަޒުތަކަށް އިތުރު ވަގުތު ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލްސައްތާރު "ސަން" އަށް ވިދާޅުވީ އިންތިޚާބާ ގުޅިގެން ހުށަހަޅާ ހުރިހާ މައްސަލަތަކެއް ޝަކުވާ ބަލާ ކޮމިޓީން ބެލުމަށްފަހު ވޯޓު ލުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ދިމާވާ މައްސަލަކަތަށް ހައްލު ހޯދައިދީ ވޯޓުލުން ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.