'ޑަބަލް ޑިޖިޓް' އަދަދެއްގެ ތަފާތަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސައްކަތް ކުރައްވަނީ އިންތިޚާބުން މޮޅުވާ އަދަދު ބޮޑުކުރަން ކަމަށެވެ. އެގޮތުން، ބޮޑު ތަފާތަކުން މި އިންތިޚާބު ކާމިޔާބު ކުރުމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބު ސުލްހަވެރި ކަމާއެކު ކުރިއަށްދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އިންތިޚާބު އޮޅުވާލުމުގެ އެއްވެސް ކަމެއް ހިނގާ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ޑިމޮކްރެޓިކް ރޫހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އިންތިޚާބަށްފަހު ޕާޓީގެ ހުރިހާ މެންބަރުންނަށް އެކުގައި ކުރިއަށް ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ޕްރައިމަރީއަށް ފަހު ދެން މަސައްކަތް ކުރައްވާނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައި ވާއިރު، މަދު ފޮށިތަކެއް ފިޔަވައި އެހެން ފޮށިކުގައި ވަނީ ވޯޓުލުމުގެ ކަންކަން ފަށާފައެވެ. މިއަދު ހަވީރު 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.

އިންތިޚާބުގައި 57،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.