ފިލްމު "މުންނާ ބާއީ"ގެ ހެއްވާ މަޖާ ފިލްމަށް ފަހު އެކްޓަރު ސަންޖޭ ދަތާއި އަރްޝަދު ވާރްސީއަށް އިތުރު ކޮމެޑީ ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ، ޑައިރެކްޓަރު ސިދާތް ސަޗްދޭވްގެ ފިލްމެކެވެ. ސިދާތް ސަޗްދޭވް މިހާތަނަށް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މުޅީންވެސް މިއުޒިކް ވީޑިއޯތަކުގައެވެ. މިއީ، ސިދާތް ބޮޑު ފިލްމެއް ޑައިރެކްޓްކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ފިލްމުގެ މައި ރޯލުން ސަންޖޭ ދަތު ފެނިގެންދާއިރު ފިލްމުގައި ޕްރޮޑިއުސަރެއްގެ ރޯލްވެސް އޭނާ އަދާކުރާނެއެވެ. ތްރީ ޑައިމެންޝަން މޯޝަން ޕިކްޗާސްއިން ގެނެސްދޭ މިފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސްވަނީ ދައްކާލާފައެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކުވެސް ދެ ތަރިންގެ ފިލްމު "ލަގޭ ރަހޯ މުންނާ ބާއި"ގެ ހަނދާންތަކެއް އާވެފައިވާ ކަމަށް ބައެއް ފޭނުންވަނީ ބުނެފައެވެ. ފިލްމު "މުންނާ ބާއި އެމް.ބީ.ބީ.އެސް"ގެ ސީރީސްގައި ދެ ތަރިން އެކީގައި މަސައްކަތްކުރިއިރު މިފިލްމުތަކަކީ، ސަންޖޭއާއި އަރްޝަދުގެ ކެމިސްޓްރީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ފިލްމުތަކެކެވެ. ފިލްމު "މުންނާ ބާއީ" އަދި "ލަގޭ ރަހޯ މުންނާ ބާއީ"ގެ ކާމިޔާބަށްފަހު ދެ ތަރިންގެ ފިލްމީ ކެރިއަރުގައި އެކީގައި މަސައްކަތްކުރާނެ ފިލްމުތައް ލިބުނެވެ.

މުންނާ އަދި ސާކިޓްގެ ނަމުން ދެ ތަރިންގެ ނަން މަޝްހޫރުވެގެންދިޔައިރު 2006ވަނަ އަހަރު "އެންތޮނީ ކޯންހޭ" ނަމަކަށް ކިޔާ ފިލްމަކުންވެސް ސަންޖޭއާއި އަރްޝަދު ފެނުނެވެ. ސަންޖޭ ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމު މިއަހަރު ރިލީޒްކުރާނެކަމަށް ބުނެފައިވީނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާންނުކުރެއެވެ. އަދި ފިލްމު ރިލީޒްކުރާނީ ސިނަމާގައިކަމެއް ނުވަތަ އޯޓީޓީގައި ކަމެއްވެސް ނުނިންމައެވެ.