14 Apr 2012, 21:34
މިއަދު ހެނދުނު ތިމަރަފުށީ ދާއިރާގެ ބައި- އިލެކްޝަން ކުރިއަށް ދިޔަ ވަގުތު ތ. ގުރައިދުއަށް އަރާ ކައުންސިލް އިދާރާގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ ބާކީ ތިބި މީހުން ޔޫރިން ދިނުމަށް ދެކޮޅުހަދައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސްމީހުންގެ ޔޫރިން ޓެސްޓްކުރަން ޔޫރިން ދިނުމަށް ފުލުހުން އެދުނީ އެ މީހުން މަސްތުވެގެން ތިބި ކަމަށް ތުހުމަތުކުރެވިގެން ކަމަށާއި ނަމަވެސް އެންމެ މީހަކު ފިޔަވާ ދެންތިބި ހަތަރު މީހުން ޔޫރިން ދިނުމަށް އިންކާރުކޮށްފައި ކަމަށެވެ. ފުލުހުންނަށް ޔޫރިން ދިނީ ތިމަރަފުށީ، ބަރަވިމާގޭ، އިބްރާހިމް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާ ނޫން އެންމެން ޔޫރިން ދޭން ދެކޮޅުހެދީ. އެމީހާގެ ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ޔޫރިން ދޭން އިންކާރުކޮށްފައި ވަނީ ގ.ޖަވާހިރުމާގޭ، މުހައްމަދު އަފްޝީން އާއި، ހ.ފޭވާ، މުހައްމަދު ސައީދު އާއި، މ. ޓްރެންކިޔުލިޓީ ހަސަން ސުޖާއު އަދި، މ. ތަންހާރަ، އިބްރާހިމް ޝަރީފް ކަމަށްވެސް ފުލުހުން ބުންޏެވެ.
ސަން އަށް އެގިފައިވާ ގޮތުގައި ތިމަރަފުށިން ގުރައިދުއަށް ގޮސް ހަމަނުޖެހުން ހިންގި ފަސްމީހުންނަކީ މުސްތޮފާގެ އޮބްޒާވަރުންކަމަށް ބުނެ އެ ރަށައް ދިޔަ ބަޔެކެވެ. އެމީހުން ހަމަނުޖެހުން ހިންގީ ގުރައިދޫ ކައުންސިލްގެ ތެރޭގައި ހުރި އިލެކްޝަންގެ ބިޔުރޯއިން އެމީހުންނަށް އޮބްޒާވަރު ފާސް ނުދީގެން ކަންވެސް އެގިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ މީހުންނަކީ ވަކި ކެންޑިޑޭޓެއްގެ ފަރާތުން ގުރައިދުއަށް ދިޔަ ބައެއްކަން އެނގިފައިނުވާ ކަމަށާއި އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އިލެކްޝަންސްއަށްވެސް ހުށަހެޅިފައިނުވާ ކަމަށެވެ.