އިންޑިއާ އާއި ރާއްޖޭގެ ފަންނާނުން ބައިވެރިވާ ޓުއަނިވަލް ހަރަކާތުގެ ތެރެއިން ފޯރިގަދަ ފުޓުބޯޅަ މެޗެއް މިރޭ ކުޅެފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ރާއްޖެއާއި އިންޑިއާގެ ފިލްމީ ތަރިންނާއި މޮޑެލުންގެ އިތުރުން ތަފާތު ފަންނާނުން ވަނީ ބައިވެރިފައެވެ.

ދެ ގައުމުގެ ފަންނާނުން ދެ ބަޔަކަށް ބަހާލައިގެން ކުޅުނު އެ މެޗުގެ ރެފްރީކަން ކޮށްފައިވަނީ ރާއްޖޭގެ ކުޅަދާނަ ކޮމީޑިއަން ހުސެއިން ޝާދު (މަޓޭ)އެވެ. އެއް ޓީމަށް 'ރޮކްސްޓާސް'ގެ ނަން ދީފައިވާ އިރު އަނެއް ޓީމަށް ދީފައި ވަނީ 'ސުޕަސްޓާސް' ނަމެވެ.

އެ މެޗުގައި އިންޑިއާގެ އެކްޓަރުން ކަމަށްވާ އާފްތާބް ޝިފްދާސްނީ އާއި ރޯހިތު ރޯއީ އާއި އަނޫފް ސިންގް އާއި ޝަރުމަން ޖޯޝީ ފަދަ މަޝްހޫރު ފަންނާނުން ކުޅުނެވެ.

މެޗުގައި ބައިވެރިވި ދިވެހި ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެއެވެ.

ޓުއަނިވަލް ހަރަކާތުގެ ތެރެއިން ބޭއްވި ފުޓްބޯޅަ މެޗުގެ ތެރެއިން: އެ މެޗުގައި ކުޅުނު ދެ ޓީމުގައި ވެސް ދިވެހި ތަރިންނާއި އިންޑިއާގެ ތަރިން ހިމެނުނު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މެޗު ބައްލަވާލެއްވުމަށް، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަޑައިގެންނެވިއެވެ. އަދި މެޗުގެ މެހެމާނެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އުރުވަޝީ ވެސް ވަނީ ބައިވެރިވެފައެވެ.

އެ މެޗު 14-11ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސުޕަ ސްޓާ ޓީމުންނެވެ. އެ ޓީމުގައި ތިބި ތަރިންގެ ތެރޭގައި އާފްތާބު އާއި ޔޫއްޕެ އާއި ޖާދު ހިމެނެއެވެ.

ޓުއަނިވަލްއަކީ އިންޑިއާގެ އެނިޔެލްޕް އެންޓަޓެއިންމެންޓްސް އިން ބާއްވާ ހަރަކާތްތަކެކެވެ. މިރޭގެ ފުޓްބޯޅަ މެޗަކީ އޭގެ ތެރެއިން އެއް ހަރަކާތެވެ.

ޓުއަނިވަލް ހަރަކާތުގެ ތެރެއިން ބޭއްވި ފުޓްބޯޅަ މެޗުގެ ތެރެއިން: އެ މެޗު ސުޕަ ސްޓާ ޓީމުން ކާމިޔާބު ކުރީ 14 ލަނޑު ޖަހައިގެން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ޓުއަނިވަލަކީ ބޭރު ގައުމެއްގެ ފަންނާނުންތަކަކާ އެކު ރާއްޖޭގެ ފަންނާނުންތަކެއް ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ ހަރަކާތެވެ.

މިއަަދު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިތުރުން އަންނަ އާދިއްތަ ދުވަހުގެ ރޭ ފަންނާނުންގެ ކާނިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެކެވެ.

އެނިޔެލްޕް އެންޓަޓެއިންމެންޓްސްއިން ބުނީ އެފަދަ ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ، ފިލްމީ ދާއިރާގެ ކަންކަމާއި ސަގާފަތް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކުރުން ކަމަށެވެ.

ޓުއަނިވަލް ހަރަކާތުގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.