އެކްޓަރު ސަނީ ޑިއޯލްއާއި ބަތަލާ އަމީޝާ ޕަޓޭލް ކުޅުނު ފިލްމު "ގަދަރު: އޭކް ޕްރޭމް ކަތާ"ގެ ދެވަނަ ބައި ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރު ޢާންމުކޮށްފިއެވެ.

ދެހާސްއެއް ވަނަ އަހަރު ރިލީޒްކުރި މި ފިލްމުގެ ފުރަތަމަ ބަޔަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފިލްމެކެވެ. ފިލްމު "ގަދަރު 2" އިންވެސް ފެންނާނީ ފުރަތަމަ ބައިން ފެނުނު ދެ ތަރިންނެވެ.

މީގެ އިތުރުން ފުރަތަމަ ބައިން ސަނީއާއި އަމީޝާގެ ދަރިފުޅުގެ ގޮތުގައި ފެނުނު ކުޑަކުއްޖާވެސް ދެވަނަ ބައިން ފެންނާނެއެވެ.

މިއަހަރުގެ އޯގަސްޓު 11ވަނަ ދުވަހު ސިނަމާތަކުގައި ފިލްމު އަޅުވަން ނިންމާފައިވާއިރު, ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ މިއަހަރު އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެންް، އޮގަސްޓު 15އިގައެވެ.

"ގަދަރު: އޭކް ޕްރޭމް ކަތާ"ގެ ސީކުއަލް ޑައިރެކްޓް ކުރަނީ ފުރަތަމަ ފިލްމުގައިވެސް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އަނިލް ޝަރްމާއެވެ.

ފިލްމުގައި ސަނީއާއި އަމީޝާގެ ދަރިފުޅުގެ ގޮތުގައި ފެންނަ އުތްކަޝް ޝަރްމާއަކީ އަނިލް ޝަރްމާގެ ދަރިފުޅެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާފައިވާއިރު, ޕޯސްޓަރުގައި ސަނީ ފެންނަނީ އެކްޝަން ސީންއެއްގެ ތެރެއިންނެވެ. ފިލްމުގެ ޕޯސްޓަރާއެކު ސަނީ ބުނެފައިވަނީ މިއަހަރުގެ އެންމެ ވަރުގަދަ ސީކުއަލް ބެލުންތެރިންނަށް މިގެނެސްދެނީ ދެ ގަރުނަށްފަހު ކަމަށެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓްކުރީ އިންޑިއާގެ ލަކްނޯގައެވެ. އަދި އެންމެ ފަހު ބައިތައް ޝޫޓްކޮށް މިދިޔަ މަހަށް ވަނީ ނިންމާލާފައެވެ.

މިވަގުތު ފިލްމު ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު ޑައިރެކްޓަރު އަނިލް ޝަރްމާ ބުނެފައި ވަނީ، ފަހުގެ ޖީލަށް މިއީ މުޅީން އާ ފިލްމަކަށް ވާނެކަމެވެ. އަދި ކުރިން ފިލްމު ހަނދާނުގައި ހަރުލާފައިވާ އޯޑިއަންސަށް މިއީ ސީކުއަލްއެއްކަމަށް އޭނާ ބުންޏެވެ.

ހިންދީ ސިނަމާގައި، 1980ގެ އަހަރުތަކުގެތެރޭ ރިލީޒްވި ގިނަ ފިލްމުތަކުގައި ސަނީ ޑިއޯލް ފެނުނީ ވަރަށް ނުފޫޒު ގަދަ އެކްޝަން ތަރިއެއްގެ ގޮތުގައެވެ. ސަނީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް" އިންނެވެ.