14 Apr 2012, 21:33
ރ. ހުޅުދުއްފާރަށް މިއަދު ދިޔަ އެ އަތޮޅު ރަސްގެތީމު ބަޔާ ހުޅުދުއްފާރުގެ ބަޔަކާ ދެމެދު މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ ހުޅުދުއްފާރަށް މިއަދު ދިޔަ ރަސްގެތީމު ބޯޓެއްގައި ތިބި ބަޔަކަށް އެރަށު ބަޔަކު ހަމަލާދިނުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ހުޅުދުއްފާރު ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވީ ރަސްގެތީމު ބޯޓަކުން ދިޔަ މީހުންނަށް ހުޅުދުއްފާރުން ބަޔަކު ހަމަލާ ދިނީ ހުޅުދުއްފާރުގެ ޒުވާނުންތަކެއް އެ އަތޮޅު ވާދޫގައި ތިއްބާ މީގެ ކުރިން ރަސްގެތީމު ބަޔަކު އެ މީހުންނަށް ހަމަލާދީފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ކުރީފަހަރު މާރާމާރީ ހިންގި މީހުންގެ ތެރެއިން ބައެއް މީހުން މިއަދު އައި ބޯޓުގައި ތިބުމުން އެމީހުން ބޯޓުން ބާލަން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާ ކަމަށެވެ.
ޒުބައިރު ވިދާޅުވީ އެ ހާދިސާގެ ފަހުން ލަކުޑިބުރި ތަކަކާއެކު ރަސްގެތީމުގެ 10 ވަރަކަށް މީހުން ލޯންޗެއްގައި ހުޅުދުއްފާރަށް އައިސް ބަނދަރުމަތީ ތިބި ރަށުގެ ބައެއް މީހުންނަށް ހަމަލާ ދިނުމަށް ފަހު ރަށުތެރެއަށް އެރި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެމީހުން ހުއްޓުވާ އެމީހުން އަތުގައި ހުރި ލަޓިބުރިތަކާއެކު ރަށުން ބޭރުކޮށްފައިވާ ކަމަށެވެ.
"ފުލުހުން ގޮސް ބަނދަރުމަތީ ތިބި ރަސްގެތީމް މީހުން ލަޓިބުރިތަކާއެކު ފޮނުވާލީ، އޭގެ ފަހުން ރަށުކައުންސިލަށް އައީ މައްސަލަ ބަލަން، ދެން ރައްޔިތުން ނުކުމެ ބުނީ މީގެ ކުރިން ދުވާފަރު މީހުން ވެސް ރަށަށް އަރާ ތަޅާލީމުން ވެސް އަހަރެމެންގެ މީހުންނޭ ގެންދިޔައީ، އެހެން ވީމާ އެމީހުން ދޫކޮށްލާފައެއް މިރަށަކުން މީހަކު ނުގެންދެވޭނޭ،" ޒުބައިރު ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ ރަސްގެތީމު ބަޔަކު މިރޭ ހުޅުދުއްފާރަށް އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެހެން ނަމަވެސް ފުލުހުން އަދިވެސް ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ ލަޓިބުރިތަކަކާ އެކު ބަޔަކު ހުޅުދުއްފާރުގައި އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެކަން ބެލި ކަމަށާއި ނަމަވެސް އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ބަޔަކު ފުލުހުން ފޮނުވާނުލާނެ ކަމަށް ވެސް ބުންޏެވެ.