ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ރިލީޒްކުރަން މިއަހަރުގެ މާޗް މަހުގެ 17އަށް ފަސްކޮށްފިއެވެ.

މާޗް މަހުގެ ތިނެއްގައި ރިލީޒްކުރަން މީގެ ކުރިން ރާވާފައި އޮތް އެ ފިލްމު ސިނަމާގައި އަޅުވަން އެންމެ ފުރަތަމަ ދިން ތާރީޚަކީ އަންނަ މެއި މަހެވެ. ނަމަވެސް މިފަހަރު އެ ތާރީޚު ފަސްކުރީ ރާނީގެ 44 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.

ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އަކީ ނިކިލް އަދްވާނީގެ އެމްމޭ އެންޓަޓެއިންމަންޓް ކުންފުނިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ، 2011 ވަނަ އަހަރު ނޯވޭގެ ވެލްފެއާއިން ނެގި، އިންޑިއާއަށް ނިސްބަތްވާ ދެމަފިރިއެއްގެ ކުދިން ހޯދުމަށް އެކުދިންގެ މަންމަކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މޯނިޝް އަދްވާނީ ޕްރޮޑިއުސްކުރާ މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ އާޝިމާ ޗިއްބަރްއެވެ. ބަތަލާ ރާނީ މުކަރްޖީގެ އިތުރުން ފިލްމުގައި ފެންނާނެ އިތުރު ތަރިންނަކީ، އަނިރްބަން ބަތްއަޗަރްޔާއެވެ. މީގެ އިތުރުން އިންޑިއާއިން ބޭރު ތިން ފަންނާނަކު ފިލްމުގައި ހަރަކާތްތެރިވާނެއެވެ.

ޔާޝް ރާޖް ފިލްމްސްގެ ޗެއާމަން އަދިތްޔަ ޗޯޕްރާއާ ކައިވެނިކޮށް އަންހެން ކުއްޖަކުވެސް ލިބިފައިވާ ރާނީއަކީ ހިންދީ ސިނަމާއަށް ރީތި ފިލްމުތަކެއް ކުޅެދީފައިވާ ބަތަލާއެކެވެ. އޭނާ ކުޅެފައިވާ ރީތި ފިލްމުތަކުގެތެރޭގައި، "ކުޗް ކުޗް ހޯތާހޭ"، "ކަހީން ޕިޔާރް ނާ ހޯޖައޭ"، '"ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ"، "ހަމް ތުމް"، "ކަބީ އަލްވިދަނާ ކެހެނާ" އަދި "ބަންޓީ އޯރް ބަބްލީ" ހިމެނެއެވެ.

ކައިވެންޏަށްފަހު ރާނީ ބޮޑަށް ފެންނަނީ ޔާޝް ރާޖް ކުންފުނީގެ ފިލްމުތަކުންނެވެ. އަދި ރާނީ ބޮޑަށް އިސްކަންދެނީ ބަތަލާއިން ލީޑް ރޯލްއިން ފެނިގެންދާފަދަ ފިލްމުތަކަށެވެ. ރާނީ އެންމެ ފަހުން ފެނުނީ 2021ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ 2"އިންނެވެ.