ކޯލިޝަނެއް ނުހަދައި، އެއްބުރުން ރިޔާސީ އިންތިޚާބެއް ނެގޭނެ ފެންވަރެއް އަދި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގައި ނެތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ކެމްޕޭން ނިންމަވައިލެއްވުމުގެ ގޮތުން އައްޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަމިއްލަ ވެރިކަމެއް ކުރާ ތަން ދެކެވަޑައިގަތުމަށް އެ މަނިކުފާނު ވެސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެމްޑީޕީއަށް ގިނަ އަދަދެއްގެ ރައްޔިތުން ތާއީދުކުރި ނަމަވެސް އަދި އަމިއްލައަށް ވެރިކަމަށް އައުމަކީ ދަތިކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އެންމެ ގިނަ ބައެއްގެ ތާއީދު ވެސް އޮތް ޕާޓީ. އެހެންނަމަވެސް އެއިން ކޮންމެ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައްޔިތުންގެ ވޯޓުލާ އެންމެންގެ 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ހޯދަން ޖެހޭ. އޮޅުމެއް އޮތް ކަމެއް ނޫން އެއީ އަޅުގަނޑުމެންނަށް އެކަނި އަދި އެ ކަން ކުރެވެން ދަތިކަން. އަޅުގަނޑު ވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަންކުރާ ތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވައިލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އެކުލަވައިލާއިރު ކޮންމެވެސް މިންވަރަކަށް ދޫ ދޭންޖެހޭ ކަމަށެވެ.

ނަމަވެސް އެ ކަމަކުން ލިބޭ ގެއްލުމެއް ނެތްކަމަށާއި މި ވެރިކަމުގައި ވެސް އެމްޑީޕީގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒުކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގެންނެވި މަންޒަރަކީ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުވާ މަންޒަރު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބުވާ މަންޒަރު ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެ ނިންމުން ނިންމަނީ ސަބަބުތަކެއް އޮވެގެންކަމަށެވެ.

އެގޮތުން އެންމެ މުހިންމު ސަބަބަކީ މި އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށާއި އެ ކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް މި ޕްރައިމަރީ ކާމިޔާބުވުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މި ގެންދަނީ މި ޕްރައިމަރީގައި ޕާޓީގެ މެމްބަރުންގެ ޚިޔާލު ހޯދަމުން. އަޅުގަނޑު ބުނަން އެއިން ކޮންމެ ފަރުދެއް ކައިރި ވެސް ކޮބާހޭ މި ކަމުގައި ތިޔަ ބޭފުޅުން ނިންމަވަން ގަސްތުކޮށްފައި އޮތް ގޮތަކީ. ވަރަށްސާފު، ވަރަށް ސާފުކޮށް ވިދާޅުވަނީ ތިމަންނަމެން ބޭނުން ވަނީ ތަރައްގީއާއެކު ކުރިއަށްދާށޭ. ހުއްޓި ތިބޭކަށް ބޭނުމެއް ނޫނޭ. ފަހަތަށް ދާކަށް ބޭނުމެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ހުންނެވީ އައްޑޫގެ މެޖޯރިޓީ ތާއީދު ޔަގީންކުރައްވައިގެން

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ވެސް ރައީސް ވަޑައިގަތީ އައްޑޫއަށެވެ. މި ފަހަރު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ބޮޑު ޖަލްސާއަށް ވެސް ރޭ އެ މަނިކުފާނު ވަޑައިގަތީ ހަމަ އެ ސިޓީއަށެވެ.

26 ޖެނުއަރީ 2022: އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ --

ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީގެ ތަސައްވުރު ފެންނަން ބޭނުންފުޅުވެވަޑައިގަންނަވަނީ އައްޑޫއިން ކަމަށް ވާތީއެވެ.

އެއާއެކު އެ މަނިކުފާނު ވިދާޅުވީ މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އައްޑޫގެ ބޮޑު މެޖޯރިޓީއަކާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ، މިސަރުކާރުން ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ އައްޑޫގެ ތަރައްގީއަށް އިންވެސްޓުކޮށްފައިވާއިރު އެއީ ބޭކާރުވާނެ ޚަރަދެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގެ ވެސް ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ އަޅުގަނޑުމެން 28ވަނަ ދުވަހު ކާމިޔާބުކުރާނަން. ރާއްޖޭގެ ތަރައްގީއަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އައްޑޫ ސިޓީއަކީ އެންމެ ބޮޑު ހޭދައެއްކުރާ އެއް ދާއިރާ. ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން އެބަ އިންވެސްޓުކުރަން. އަޅުގަނޑު ދެކޭގޮތުގައި މިއީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން. މިއީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް މިއަށްވުރެ ފަހި އުފާވެރި މާދަމާއެއް މިތާ ތިބެ ހޯދައިދިނުމަށް ޓަކައި އަދި ލިބޭނެ ގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑެތި ރަށްތައް ތަރައްގީކުރަން ބޮޑު ހޭދައެއް ކުރި ނަމަވެސް ކުޑަ ރަށްތަކާއި ބޮޑު ރަށްތައް ތަފާތު ކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތަކަށް ނުވާނެ ކަމަށެވެ. އަދި އެ ހަމަހަމަކަން އަދިވެސް ދަމަހައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް އަޑު އިވުނު ވާހަކައަކީ މި ސަރުކާރުން ފާއިތުވި 40 އަހަރުގެ ތެރޭގައި ވެސް އެ ރަށްރަށަށް ނާންނަ ތަރައްގީ މި ސަރުކާރުގައި އައިސްފައިވާކަމަށް ބުނާ އަޑުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ރަށްރަށުގެ ރައްޔިތުންނަށް ތަރައްގީއާއެކު ކުރިއަށް ދެވޭނީ މި ޕްރައިމަރީގައި ކޮން ނިންމުމެއް ނިންމައިގެންކަން އެ ރައްޔިތުންނަށް ވެސް ސާފުވާކަމަށް ރައީސް ވިދާޅުވިއެވެ.