މިމަހުގެ 20 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ރޮނީ ސްކްރޫވާލާގެ ފިލްމު "މިޝަން މަޖްނޫ"އަށް ބެލުންތެރިންގެ އިތުރުން ކްރިޓިކްގެ ތަޢުރީފު ވަރަށް ބޮޑަށް ލިބިއްޖެއެވެ.

އިންޑިއާ ހިމެނޭގޮތަށް 18 ޤައުމެއްގެ ގަދަ 10 ވަނައިގައި ފިލްމު އޮތުމުގެ އިތުރުން މިހާތަނަށް 8.94 މިލިއަން ގަޑިއިރު ފިލްމު ވަނީ ނެޓްފްލިކްސްއިން ދައްކާފައެވެ. މިއިން ދޭހަވަނީ އިންޑިއާގެ އިތުރުން ބޭރު ޤައުމުގެ އޯޑިއަންސަށް ފިލްމު ކަމުދިޔަ މިންވަރެވެ.

ޝަންތަނޫ ބަގްޗީ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ، ސްޕައި ތްރިލާއެކެވެ. ސިދާތް މަލްހޯތްރާގެ އިތުރުން ބަތަލާ ރަޝްމިކާ މަންދަންނާ މުހިއްމު ރޯލްއިން ފެނިގެންދިޔަ މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކުރެވިފައިވަނީ، 1971 ވަނަ އަހަރު އިންޑިއާ-ޕާކިސްތާނުގައި ކުރިޔަށްދިޔަ ހަނގުރާމައިގެ މައްޗަށެވެ.

ފިލްމުގައި ސިދާތް ފެނިގެންދަނީ އެ ދުވަސްވަރު ޕާކިސްތާނުގައި ޙަރަކާތްތެރިވި ރޯ އެޖެންޓް ނުވަތަ ރޯގެ ޖާސޫސަކަށެވެ. ފިލްމު "ޝޭރްޝާހް"އިން ވަރަށް މޮޅު އެކްޓިންގްއެއް ދެއްކި އެކްޓަރު ސިދާތްގެ ޕާފޮމެންސަށް މިފަހަރު ވެސް ބެލުންތެރިންގެ އިތުރުން ފިލްމު ކްރިޓިކުން ތަޢުރީފުކޮށްފައިވެއެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުޙީބު ފާހަގަކޮށް ސިދާތު ބުނެފައިވަނީ، ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާކަމަށާއި ފިލްމުގައި ކިޔައިދޭ ވާހަކަ ބެލުންތެރިންނަށް ކަމުދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައެވެ. އެކްޓަރެއްގެ ޙައިޞިއްޔަތުން ލިބޭނެ އެންމެބޮޑު އުފަލަކީ އެއީކަމުގައި އެކްޓަރުވަނީ ބުނެފައެވެ.

ފިލްމާބެހޭގޮތުން ޕްރޮޑިއުސަރު ސްކްރޫވަލާ ބުނެފައިވަނީ، ރަނގަޅުގޮތުގައި ގެނެސްދެވޭ މިފަދަ ޙާދިސާތަކަކީ، ވަރަށް ދުރަށް ދަތުރުކުރާ ޙާދިސާތަކެއްކަމުގައެވެ. ޚާއްޞަކޮށް ފިލްމުގައި ގެނެސްދެވުނު ޙާދިސާއަކީ، އިންޑިއާގެ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ޙާދިސާއަކަށްވެފައި މިއީ ކޮންމެހެންވެސް ބެލުންތެރިންނަށް ކިޔައިދޭންޖެހޭ މުހިއްމު ވާހަކައެއްކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ފިލްމުގައި ސިދާތް ދައްކުވައިދިން އެކްޓިންގް ހުނަރުގެ އިތުރުން ބަތަލާ ރަޝްމިކާއާއި ސިދާތްގެ ކެމިސްޓްރީ ވެސް ބެލުންތެރިންނަށް ވަނީ މާބޮޑަށް ވެސް ކަމުގޮސްފައެވެ. ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިހާރު ޕްރޮޑަކްޝަން މަސައްކަތުގައި އޮތް ފިލްމު "ޔޮދާ"އިންނެވެ.