27 Jan 2023, 20:38
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި މީހުންނާ ވާހަކަދައްކާ ޗެޓްޖީޕީޓީއާ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް އެމެޒޯން އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.
އެމެޒޯންއިން ބުނި ގޮތުގައި އެޑްވާންސްޑް އޭއައި ޓެކްނޮލޮޖީގެ ސަބަބުން އެ ކުންފުނީގެ ސިއްރު މައުލޫމާތަށް ސެކިއުރިޓީ ނުރައްކަލެއް ކުރިމަތިވެދާނެއެވެ. އެގޮތުން ޗެޓްޖީޕީޓީއަކީ އިންސާނުން ދައްކާ ވާހަކަތައް ނަކަލު ކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއް ކަމަށާއި، ނާޒުކު މައުލޫމާތުތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ޑޭޓާތަކަށް އެ ޗެޓްބޮޓް ތަމްރީނު ކުރެވިދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ، މާލީ މައުލޫމާތުތަކާއި ވިޔަފާރީގެ ސިއްރުތަކާއި މުވައްޒަފުންގެ ސިއްރު މައުލޫމާތު ފަދަ މައުލޫމާތު ނެގުމަށް މި މޮޑެލް ބޭނުން ކުރެވިދާނެ ކަމަށެވެ.
އެމެޒޯންއިން ވަނީ އެ އިލްތިމާސަކީ މުވައްޒަފުން ސަމާލުވެ ތިބުމަށާއި އެއްވެސް ނާޒުކު މައުލޫމާތެއް ޗެޓްޖީޕީޓީއާ ހިއްސާ ނުކުރުމަށް ހަނދާންކޮށްދޭން ކުރާ އިލްތިމާސެއް ކަމަށް ބުނެފައެވެ.
މި ޚަބަރާއެކު ޓެކްނޮލޮޖީގެ މުޖުތަމައުގައި ބަހުސެއް ވަނީ އުފެދިފައެވެ. އެގޮތުން، އެޑްވާންސްޑް އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ބައެއް ތަޖުރިބާކާރުން ކަންބޮޑުވާއިރު، އަނެއް ބަޔަކު ވަނީ މިފަދަ މޮޑެލްތައް ބޭނުންކުރުން ދިފާއުކޮށް، އެ މޮޑެލްތައް ބޭނުންކޮށްގެން މަސައްކަތުގެ ފުރިހަމަކަމާއި އުފެއްދުންތެރިކަމާއި ކަސްޓަމަރުންގެ ޚިދުމަތް ރަނގަޅު ކުރެވިދާނެ ކަމަށް ބުނެފައެވެ.
ޗެޓްޖީޕީޓީގެ ޑިވެލޮޕަރު އޯޕަންއޭއައި އިން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ސެކިއުރިޓީ އާއި ޕްރައިވެސީ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި، ޓެކްނޮލޮޖީގެ ރައްކާތެރި ކަމާއި އެ ޓެކްނޮލޮޖީ ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.